ސައުދީން ހޯދީ މިއަދު ފަހުރުވެރި މޮޅެއް

އާޖެންޓީނާ ބަލިކުރެވުމުގެ އުފަލުގައި މާދަމާއަކީ ސައުދީ އަރަބިއްޔާއަށް ބަންދު ދުވަހެއްކަމަށް އެގައުމުން ކަނޑައަޅައިފިއެވެ.

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި މިއަދު އާޖެންޓީނާއާއި ސައުދީ އަރަބިއްޔާ ބައްދަލުކުރި މެޗުގައި ގިނަ ބަޔަކު އުންމީދުކުރި އަދި ލަފާކުރި ގޮތާއި ޚިލާފަށް މެޗު ކާމިޔާބުކޮށްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ. ސައުދީން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުންވެސް މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. މިއީ ސައުދީއަށް ލިބުނު ތާރީހީ މޮޅެކެވެ.

މިލިބުނު މޮޅާއި ލިބުނު ކާމިޔާބާއެކު، އުފާ ފާޅުކުރުމުގެ ގޮތުން ސައުދީން ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރާއި ތައުލީމީ ދާއިރާގެ ތަންތަން ވަނީ ބަންދުކޮށްފައެވެ.

ސައުދީން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި މޮޅުވެގެންނެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއިން ލަނޑެއް ޖަހާފައިވަނިކޮށް ދެވަނަ ހާފުގައި ސައުދީން ވަނީ ކުޅުން ރަނގަޅުކޮށް ދެ ލަނޑު ޖަހާފައެވެ.

 

ފުރަތަމަ ހާފުގައި އާޖެންޓީނާއިން އިތުރު ތިން ލަނޑު ޖެހިނަމަވެސް، އެ ތިން ލަނޑުވެސް ވަނީ އޮފްސައިޑް ލަނޑުގެ ގޮތުގައި ފާހަގަކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށްވެސް ހޮވިފައިވަނީ ސައުދީގެ ގޯލް ކީޕަރު އަލް އޮވައިސްއެވެ. ގިނަ ބަޔަކު އަންނަނީ އޭނާގެ ކުޅުމަށް ތައުރީފްކުރަމުންނެވެ.

މިލިބުނު ކާމިޔާބީއަކީ ސައުދީއަށް ވޯލްޑް ކަޕް ތަށި ލިބުން ފަދަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. ގިނަ ބަޔަކު އަންނަނީ ސައުދީގެ ކުޅުމަށް ތައުރީފްކޮށް މިއީ ހައްގު މޮޅެއްކަން ފާހަގަކުރަމުންނެވެ.

ޚާއްސަކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ލިއޮނަލް މެސީއާއި އެނޫންވެސް މޮޅެތި އެތައް ކުޅުންތެރިން ހިމެނޭ ޓީމަކުން ސައުދީ މޮޅުވުމަކީ ސައުދީގެ އިތުރުން އަރަބި އެހެން ގައުމުތަކަށްވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެެއެވެ.

މިއީ ވޯލްޑް ކަޕްގެ މޮޅަކާއި ގުޅިގެން ގައުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ޖެހިގެން އައި ދުވަސް ކަނޑައެޅި ފުރަތަމަ ފަހަރެއް ނޫނެވެ. ކެމަރޫނާއި އާޖެންޓީނާއާއި ބައްދަލުކުރި މެޗެއްގައި ކެމެރޫން މޮޅުވުމުން ޖެހިގެން އައި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *