ޓައިޕް 2 ޑައިބެޓީސް: އަލާމާތްތަކާ، ރައްކާތެރިވާނެ ގޮތްތައް

ހަކުރުބައްޔަކީ އެ ބަލި ޖެހިފައިވާ މީހުންނަށް އެތަކެއް ވޭނަކާއި ކެކުޅުމެއް އިހްސާސްކުރަން ޖެހޭ ބައްޔެކެވެ. ހަކުރު ބަލި ބެހިފައިވަނީ ދެބަޔަކަށެވެ.

އެއީ ޓައިޕް 1 އަދި ޓައިޕް 2 އެވެ. ހަކުރުބަލީގެ ޓައިޕް 2 އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރު އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާއި ގުޅިގެން ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެކެވެ. ޓައިޕް 2 ހަކުރުބަލި ހުންނަ ފަރާތްތަކުން ސިއްހަތަށް ސަމާލުވެގެން ނޫޅޭނަމަ، ހިތްހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ފުރާނައަށް ނުރައްކާތެރި ވާފަދަ ކަންކަމަށް މީހާ ހުށަހެޅިގެންދެއެވެ.

ޓައިޕް 1 އަދި ޓައިޕް 2 ގެ ތަފާތު

ހަކުރުބަލީގެ ދެބާވަތް ކަމަށްވާ ޓައިޕް 1 އަދި ޓައިޕް 2 ގެ މެދުގައި ތަފާތުތަކެއް ހުރެއެވެ. އެގޮތުން ޓައިޕް 1 ޑައިބެޓީސް އާއްމުކޮށް ޖެހެނީ ޅައުމުރުގައެވެ. އެހެންނަމަވެސް، ޓައިޕް 2 އާއްމުކޮށް ޖެހެނީ ބޮޑެތި މީހުންނަށެވެ. ނަމަވެސް ބައެއް ހަލާތްތަކުގައި ޅައުމުރުގައި ޓައިޕް 2 ބައެއް މީހުންނަށް ޖެހެއެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ވައްތަރެވެ.  ޓައިޕް 2 އަކީ ބަރުދަން ހުންނަން ޖެހޭ ވަރަށް އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާއި ގުޅިގެން ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ވައްތަރެވެ. ޓައިޕް 1 އަކީ ބޮޑަށް ޖެނެޓިކް ކަމެކެވެ. އެހެންނަމަވެސް ޓައިޕް 2 އަކީ ބޮޑަށް މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއިންބުއިމުގެ އާދަތައް ގެންގުޅޭ ގޮތުން ޖެހޭ ބައްޔެކެކެވެ.

ޓައިޕް 2 ޑައިބެޓީސްގެ އަލާމާތްތައް

ހަކުރުބަލީގެ ޓައިޕް 2 ގެ އަލާމާތްތަކާއި ޓައިޕް 1 ގެ އަލާމާތްތަކާއި މާބޮޑު ތަފާތުތަކެއް ނެތެވެ. އެގޮތުން ޓައިޕް 2 ހަކުރުބަލި ހުންނަ ނަމަ ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި، އަވަސްއަވަހަށް ކުޑަކަމުދާން ޖެހުމާއި ކަރުހިއްކާ އަވަސްއަވަހަށް ފެން ބޮވުން ހިމެނެއެވެ. މީގެއިތުރުންވެސް، އަދާޔާއި ހިލާފަށް ނުވަތަ އަބަދު ބަނޑުހައިވުމާއި، މީހާގެ ބަރުދަން ލުއިވުމާއި، ފަސޭހައިން ވަރުބަލިވުން ފަދަ ކަންކަން ހިމެނެއެވެ. ބައެއް މީހުންގެ ބަރުދަން ލުއިވާއިރު، ބައެއް ހާލަތްތަކުގައި ބަރުދަން އިތުރުވެސް ވެއެވެ. އެހެންކަމުން މިފަދަ އަލާމާތްތައް ފެންނަ ނަމަ، އަމިއްލަ ރައްކާތެރިކަމަށްޓަކައި ވިހާވެސް އަވަހަކަށް ހަކުރު ޓެސްޓްކޮށްލުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

ޓައިޕް 2 ޑައިބެޓީސް އިން ރައްކާތެރިވާނެ ގޮތްތައް

އާއިލާ ތެރޭގައި ހަކުރުބަލީގެ ދެވަނަ ޓައިޕް ތަހައްމަލުކުރާ ބަޔަކު އުޅޭނަމަ ކުރީ ބައިގަ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ އާދަތައް ގެންގުޅޭ ގޮތް ބަދަލުކުރުމަށް ސަމާލުކަން ދޭން ވާނެއެވެ. އެގޮތުން ބަރާބަރަށް ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުން ހިމެނެއެވެ. މީގެއިތުރުން ކޮލެސްޓްރޯލާއި ލޭމައްޗަށް ދިއުން ފަދަ ކަންކަމުން މީހާގެ ހަށިގަނޑު ރައްކާތެރިކުރުމަކީވެސް ޓައިޕް 2 ހަކުރުބަލި ޖެހުމުން ދުރުވުމަށް ކުރެވިދާނެ ކަމެކެވެ. ކެއުމުގެ ވަގުތުތަކާއި ކާ މިންވަރު ބެލުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންކަމުން ދުރުވުމަކީ ކުރެވިދާނެ ކަމެކެވެ. ދޭތެރެ ދޭތެރެއިން ޓެސްޓް ހެދުމަށް ފަހު ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ބެލުމަކީވެސް ހަކުރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

 

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %