އަތައަކީ ބައެއް މީހުންނަށް ވަރަށް މީރު މޭވާއަކަށް ވާއިރު އަނެއްބައި މީހުންނަށް އެހާ ކަމުދާ މޭވާއެއް ނޫނެވެ. އަތައިގެ އިތުރުން އަތަ ގަހުގައި އެކުލެވޭ އެކި ބާވަތްތަކަކީ ވެސް އޭގައި އެތަކެއް ސިއްހީ ފައިދާތަކެއް ވާ ތަކެއްޗެވެ. އެގޮތުން އަތަފަތާއި، އަތަ ގަހުގައި އަޅައި މަލާ، ތޮއްޓާއި އަދި މުލަކީ ވެސް އެކި ކަހަލަ ފަތްޕިލާވެލީގެ ބޭސްތައް ހެދުމަށް ބޭނުންކުރާ އެއްޗެކެވެ.
އަތައަކީ ސިއްހަތަށް ފައިދާހުރި މިންވަރަކަށް ހަކުރު އެކުލެވިގެންވާ މޭވާއެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު، ވަރަށް ގިނަ އަންހެނުން ފޮނި ކާތަކެތި ކާހިއްވެއެވެ. އެހެންކަމުން، މާބަނޑު ދުވަސްވަރު ފޮނި ކާތެކެތި ކާހިތްވާން ފެށުމުން، އަތަ ކެއުމަށް ސިއްހީ ތަޖުރިބާކާރުން އިރުޝާދުދެއެވެ. ސަބަބަކީ އަތަ ކެއުމުން ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ މާއްދާ އިތުރު ކޮށްދީ ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފަހައްޓައިދެއެވެ. ބަރުދަން ލުއި ކުރުމަށްޓަކައި ސިއްހަތަށް ފައިދާހުރި ޑައިޓެއް ގެންގުޅޭ މީހުންނަށްވެސް އަތަ ކެވިދާނެއެވެ.
ހަކުރު ބައްޔަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. އަތައަކީ ހަކުރު ބަލި ޖެހިފައި ތިބޭ މީހުންނަށްވެސް ކެވިދާނެ މޭވާއެކެވެ. ސަބަބަކީ އަތައިގަ ހަކުރު އެކުލެވިގެންވަނީ ސިއްހަތަށް ނުރައްކާ ނުވާ މިންވަރަކަށް ކަމަށްވާތީއެވެ. އަތައަކީ އޭގައި ފެޓް އަދި ކޮލެސްޓްރޯލް އެއްވެސް ވަރަކަށް އެކުލެވިގެންނުވާ މޭވާއެކެވެ.
ހަށިގަނޑުގެ އެކި ބައިތައް ދުޅަވެ ރަތްވުމަކީ ދޭތެރެ ދޭތެރެއިން މީހުންނަށް ދިމާވާ ސިއްހީ މައްސަލައެކެވެ. އެގޮތުން ގައިގެ މަސްގަނޑާއި ކަށިތަކާއި އަދި ހަންގަނޑު ދުޅަވުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހެއެވެ. އަތައިގަ ހިމެނޭ މެގްނިޝިއަމްގެ މާއްދާގެ ސަބަބުން، ހަށިގަނޑުގެ ވޯޓަރ ލެވެލް އެއްވަރެއްގައި ހިފަހައްޓައިދީ، ހުޅުތަކުގައި ހުންނަ އެސިޑްތައް ބޭރުކޮށްދެއެވެ. ހުޅުތަކުގައި ހުންނަ އެސިޑްސްގެ ސަބަބުން ހުޅުގައި ރިއްސުމަށް މަގުފަހިވެއެވެ.
އަތައިގަ ހިމެނޭ ފައިބަރަކީ މާބަނޑު ދުވަސްވަރު އަންހެނުންނަށް ދިމާވާ އެކި އެކި ސިއްހީ މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އޭގެތެރޭގައި ބަނޑުހަރުވެ، ބޮޑުކަމުދިޔުމަށް އުނދަގޫވުން ފަދަ ކަންކަން ހައްލުކޮށްދެއެވެ. މީގެއިތުރުން، އަތައިގަ ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ އެހީގައި މަބަނޑު ދުވަސްވަރު ދިމާވާ މޯނިންގް ސިކްނެސް އަދި އައްސިވުން ފަދަ މައްސަލަތަކަށް ހައްލު ހޯދައިދެއެވެ.