19 ނޮވެމްބަރަކީ ކޮންމެ އަހަރެއްގައިވެސް ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ހާއްސަ ދުވަހެވެ.
މުޅި ދިނިޔެއަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުގެ ސަބަބުން އެ ކުދިން ވަނީ ފޮރުވިފައިވާ ބަލިމަޑުކަމެއްގެ ތެރޭގައެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކުދިންނަށް ދެވޭ އަނިޔާގެ ހަނދާންތައް އަދި އަސަރުތަކުން އަރައި ނުގަނެވި ފުރާވަރަށް އަރައިގެންދާ ކުދިންވެސް މަދެއް ނޫންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީ ތަކަށް އަހަރަކު 4.3 މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވެގެން ހުށަހަޅާ ކަމަށް ޗައިލްޑް ހެލްޕް އޮގަނައިޒޭޝަނުން ބުނެއެވެ. އަވަށްޓެރި އިންޑިއާ ޕާކިސްތާން ފަދަ ގައުމުތަކުން މެދު ނުކެނޑި އިވޭ އަޑަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ކުށެއްނެތް މައުސޫމް ކުދިންނަށް ޖިންސާ ގޯނާ ކުރުމަށްފަހު މަރާލުން ފަދަ ހިތްދަތި ހަބަރުތަކެވެ.
މި ފަދަ ހަބަރުތައް ކޮންމެ ދުވަހަކުހެން އަޅުގަނޑުމެންގެ ދިވެހި ނޫސްތަކަށް ނޭރި ނަމަވެސް ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ހިތްދަތިކަން ތަހަންމަލު ކުރާ ކިތަންމެ ކުއްޖެއް އަދި އެތަކެއް އާއިލާތަކެއް އުޅޭނެއެވެ. ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަމަށް އެކި އެތައް ބައިވަރު ފޯނުކޯލުތަކެއް ކަމާގުޅޭ އިދާރާތަކަށް ލިބޭނެއެވެ.

މަންމަގެ އަނިޔާގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި ތުއްތު އިބްތިހާލް، އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކި މީހުން އަނިޔާކުރި.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިންސީ ގޯނާ އާއި އިހުމާލުގެ މައްސަލަތަކެވެ.
އޮކްޓޫބަރު 2022 ގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 22 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި އިހުމާލުގެ 22 މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ޖިސްމާނީ އަނިޔާގެ 12 މައްސަލައަކާއި އިމޯޝަނަލް އެބިއުސްގެ 11 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ކުޑަކުދިންނަށް ގެވެށި އަނިޔާގެ އަމަލުތައް ފެނިގެން 6 މައްސަލައެއް ހުށަހަޅާފައިވެއެވެ. ވިކްޓިމް ބުލީގެ ދެ މައްސަލަ އާއި ސައިބާ ބުލީއިންގެ އެއް މައްސަލަވެސް މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސް އަށް ޗައިލްޑް ހެލްޕް ލައިނަށް މިދިޔަ މަހު ތެރޭގައި 1833 ކޯލު ލިބިފައިވާއިރު ކުޑަކުދިންނާއި ގުޅޭ 41 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މައިގަނޑު ގޮތެއްގައި ހިމެނެނީ ދަރިންނާ ބައްދަލު ނުކުރެވިގެން ހުށަހަޅާފައިވާ މައްސަލަތަކާއި އިހުމާލުގެ މައްސަލައެވެ.
މިދިޔަ މަހު ހުށަހަޅާފައިވާ ކުޑަކުދިންނާއި ގުޅޭ 10 އާއިލީ މައްސަލަ ދަރިންނާއި ބައްދަލުނުކުރެވިގެން ހުށަހަޅާފައިވާ 12 މައްސަލައެއްވެސް ހިމެނެއެވެ.
މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށަށް ދެ ކުއްޖަކު ނެގިފައިވާއިރު އާއިލާތަކާއި 4 ކުއްޖަކު ހަވާލުކޮށްފައިވެއެވެ. އަދި ފޮސްޓަރ ކެއާގެ ގޮތުގައި ދެމަފިރިއަކާއި ކުއްޖަކު ހަވާލުކޮށްފައިވެއެވެ. އަދި އިންޓަރންޝިޕް ފުރުސަތެއްގައި އެއް ކުއްޖަކު މުޖުތަމައަށް ނެރެވިފައިވެއެވެ.
މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 107 ފިރިހެން ކުދިންނާއި 76 އަންހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ.
ކުޑަކުދިންނާއި މެދު އިހުމާލުވުމާއި އެކިގޮތްގޮތުން ދޭ އަނިޔާތައް ހުއްޓުވުމުގެ ބާރު އަޅުގަނޑުމެންނަށް ލިބިފައިވާއިރު އެކަމަށް ފަސްނުޖެހި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް މިފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަމާތޯއެވެ.