އަނބަކީ ވަރަށް މީރު މޭވާއެކެވެ. އެހެންނަމަވެސް އަދިވެސް ގިނަ ބަޔަކަށް އަނބުން ލިބޭ ސިއްހީ ފައިދާތަކެއް އެންމެ ރަނގަޅަކަށް ނޭނގެއެވެ. އަނބަކީ ސިއްހީ ފައިދާތަކުންވެސް މުއްސަނދިވެފައިވާ މޭވާއެކެވެ. އެގޮތުން އަނބުން އަޅުގަނޑުމެން ކުރިން ހީނުކުރާ ފަދަ ގިނަ ފައިދާތަކެއް ލިބެއެވެ.

ދިފާއީ ނިޒާމު ބާރުގަދަކޮށްދޭ

އަނބަކީ އިންސާނާގެ ދިފާއީ ނިޒާމު ބާރުގަދަކޮށްދީ ގައިގައި ވަރުޖައްސައިދޭ މޭވާއެކެވެ. އަނބުގައި ހަށިގަނޑަށް ފައިދާހުރި ވަރަށް ގިނަ ބާވަތްތައް ހިމެނެއެވެ. އޭގެތެރޭގައި ވިޓަމިންސްގެ ބައިތަކެއް ކަމަށްވާ ވިޓަމިން އޭ، ވިޓަމިން ސީ، ކޮޕަރ، ވިޓަމިން އީ، ފޮލޭޓް އަދި ވިޓަމިންސް ބީ އެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ އިންސާނާގެ ދިފާއީ ނިޒާމު ބާރުގަދަ ކޮށްދޭ ނިއުޓްރިއެންޓްސް އެވެ. އަނބުގައި އެކުލެވިގެންވާ އެ ނިއުޓްރިއެންޓްސްތަކުގެ ސަބަބުން ފަސޭހައިން ބަލިތައް ޖެހުމުން ދުރުކޮށްދީ، ދުޅަހެޔޮ ސިއްހަތެއްގައި އިންސާނާ ދެމިހުރުމަށް އެހީތެރިވެދެއެވެ.

ހަންގަނޑު ރީތިކޮށްދޭ

އަނބަކީ ހަންގަނޑަށްވެސް ވަރަށް ބޭނުންތެރި ނިއުޓްރިއެންޓްސް އެކުލެވިގެންވާ މޭވާއެކެވެ. އަނބުގައި އެކުލެވިގެންވާ ވިޓަމިންސްއާއި އަދި އެހެން މާއްދާތަކުގެ އެހީގައި އިންސާނުންގެ ހަންގަނޑު ދުޅަހެޔޮކޮށް، ރީތިކޮށް ހުރުމަށް އެހީތެރިވެދެއެވެ. އަނބުގައި ހިމެނޭ މާއްދާތަކެއް ކަމަށްވާ ބިޓާ-ކެރޮޓީނު އަދި އެންޓި އޮކްޒިޑެންޓްސްގެ އެހީގައި ހަންގަނޑު އޮމާންކޮށް ބަހައްޓައިދެއެވެ.

ކާތެކެތި ފަސޭހައިން ހަޖަމްކުރުމަށް އެހީތެރިވެދޭ

ހަޖަމްކުުރުމުގެ ނިޒާމަށް އެކިކަހަލަ މައްސަލަތައް ދިމާވުމަކީ މިހާރު ގިނަ ބަޔަކު ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. ހަޖަމްކުރުމުގެ ނިޒާމަށް ޖެހޭ ބައެއް ބަލިތަކަކީ ވަރަށް ބިރުވެރި އަދި ބައެއް ފަަހަރު ވަރަށް ލަދުގަންނަން ޖެހޭ ކަމެކެވެ. އަނބުގައި ހަޖަމްކުރުމަށް އެހީތެރިވެދޭ ބާވަތެއް ކަމަށްވާ އެމިލޭސް ހިމެނެއެވެ. އެމިލޭސް ކާއެއްޗެހި ކުދިކޮށް ފަސޭހައިން އެތަކެތި ހަޖަމްކޮށްދިނުމަށް އެހީތެރިވެއެވެ. އަނބުގައި ފެން އެކުލެވޭތީވެސް ހަޖަމްކުރުމަށް ފަސޭހަވެގެންދެއެވެ. މީގެއިތުރުން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ބަރާބަރަށް ކޮންމެ ދުވަހަކު އަނބު ކާ މީހުންނަށް ބޮޑުކަމުދިޔުމަށް ފަސޭހަވެއެވެ. ބަނޑުހަރުވުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހޭ މިންވަރު މަދެވެ.

ބައެއް ބާވަތްތަކުގެ ކެންސަރުން ރައްކާތެރިކޮށްދޭ

އަނބުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ޕޮލިފެނޯލްގެ ސަބަބުން ކެންސަރުގެ ބައެއް ބާވަތްތަކުން މީހާ ރައްކާތެރިކޮށްދެއެވެ. ޕޮލިފެނޯލްގައި އެންޓި ކެންސަރ މާއްދާތަކެއް ހިމެނެއެވެ. މީގެއިތުރުން އަނބުގައި ހިމެނޭ މެންގިފެރިން މާއްދާއަކީ ވެސް ކެންސަރު ޖެހުމުން ދުުރުކޮށްދިނުމަށް އެހީތެރިވެދޭ ބާވަތަކެެވެ. މިޒަމާނަކީ އަހަރެމެންގެ ކެއުން ބުއިމުގެ އާދަތައް ހުންނަ ގޮތުން ކެންސަރު ފަދަ ފުރާނައަށް ނުރައްކާތެރި ބަލިތައް މީހުންނަށް ޖެހޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ. އެހެން ކަމުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އަނބު ފަދަ ސިއްހަތަށް ފައިދާހުރި މޭވާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސިކުނޑި ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައިދޭ

އަނބުން ލިބޭ އެންމެ ފާހަގަކޮށްލެވޭ އެއްފައިދާއަކީ ސިކުނޑި ދުޅަހެޔޮ ކަންމަތީ ބެހެއްޓުމެވެ. ކުރިންވެސް ފާހަގަކުރި ގޮތަށް، އަނބުގައި ހިމެނޭ މެގްނިފެރިން މާއްދާ ލޭނާރުތައް ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ. ބައެއް ސައިންސްވެރިން ދެކޭ ގޮތުގައި އަނބު ކެއުމަކީ ނިއުރޮލޮޖިކަލް މައްސަލަތައް ވެސް މަދުކޮށްދޭ ކަމެކެވެ. މީގެއިތުރުން، އަނބު ކެއުމަކީ އިންސާނާގެ ހިތްވެސް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މޭވާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *