އިންޑިއާގައި ފިރެހެނަކު އޭނާގެ ލޯބިވެރިޔާ މަރާލުމަށްފަހު ކުދިކުދިކޮށް ކޮށާލައިފިއެވެ.
ހިންދުސްތާން ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުތު ދެއްލީއަށް ނިސްބަތްވާ ފިރެހެނަކު ވަނީ އޭނާއާއި އެކު އުޅެމުން ދިޔަ ލޯބިވެރިޔާ މަރާލުމަށްފަހު ކުދިކުދިކޮށް ކޮށާލިކަމުގެ ތަހުމަތުގައި ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އުމުރުން 26 އަހަރުގެ އަންހެނަކު އާއިލާއަށް ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވުމުން އޭނާގެ ބައްޕަ ފުލުހުންނަށް ހުށަހެޅި ރިޕޯޓަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝްރަދާ ދިރިއުޅެމުން ދިޔައީ އޭނާގެ ލޯބިވެރިޔާ ކަމަށްވާ އަފްތާބު ޕޫނަވާލާ އާއިއެކުގައެވެ. އިންޑިއާގެ ސީނިއަރ ފުލުހަކާއި ހަވައިލާދީ ހިންދުސްތާނު ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޝްރަދާ ގެއްލިގެން އާއިލާއިން މައްސަލަ ހުށަހެޅުމުން، ހިންގި ތަހްގީގަށް، ޝްރަދާ މަރާލުމަށް ފަހު 35 އެތިކޮޅަށް ކުދިކޮށް ކޮށާލާފައިވާ ކަމަށް އަފްތާބު ވަނީ އެއްބަސްވެފައެވެ.
ތަހްގީގަށް އެނގިފައިވާ ގޮތުގައި ޝްރަދާ އަކީ މުމްބާއީގައި ހުންނަ ކޯލް ސެންޓަރެއްގައި މަސައްކަތް ކުރި އަންހެނެކެވެ. ޝްރަދާ އަދި އަފްތާބުގެ ގުޅުމަށް އާއިލާއިން އިންކާރުކުރުމުން، ޝްރަދާ ވަނީ ގެއިން ނިކުމެގެން ގޮސް އަފްތާބުއާއި އެކު ދިރިއުޅެން ފަށައިފައެވެ. އެދެމީހުން ދިރިއުޅެމުން ދިޔައީ ސައުތު ދެއްލީގެ މެހެރައުލީ ސަރަހައްދުގައެވެ.
ފުލުހުންގެ ތަހްގީގަށް އެނގުނު ގޮތުގައި ދެމީހުންގެ މެދުގައި ޖެހުނު މައްސަލައެއްގެ ތެރެއިން، އަފްތާބު ޝްރަދާ މަރާލާފައިވަނީ މިއަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހެވެ. އަފްތާބު ވަނީ ޝްރަދާ މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު 35 އެތިކޮޅަށް ކުދިކޮށް ކޮށާލުމަށް ފަހު ފްރިޖެއް ގަނެ، ފްރިޖްގައި ބެހެއްޓުމަށްފަހު އެ ސިޓީގެ އެކި ސަރަހައްދުތަކަށް އުކާލައިފައެވެ. އެ ސިޓީގެ އެކި ސަރަހައްދުތަކަށް ޝްރަދާގެ ހަށިގަނޑުގެ ބައިތައް އަފްތާބު އުކީ 18 ދުވަހުންނެވެ.
އެ މައްސަލަ ތަހްގީގުކުރި ފުލުހަކު ބުނި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ވަނީ އަފްތާބު ހައްޔަރުކޮށްފައެވެ. ޝްރަދާ ކައިވެނި ކުރަން ބޭނުންވާތީ، އެމައްސަލައިގަ ދެމީހުން ވަރަށް ގިނައިން ޒުވާބުކުރާ ކަމަށް އަފްތާބު ވަނީ ތަހްގީގަށް ކިޔައިދީފައެވެ.