ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ ބަހުސް މަރުހަލާގައި ބައިވެރިވާ މެމްބަރުންގެ ވާހަކައަށްވުރެ ރިޔާސަތުގެ ވާހަކަ ގިނަކަމުގެ ޝަކުވާ މެމްބަރުން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވާހަކަ މެދުކަނޑާލުމަށްފަހު ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާތީ މެމްބަރުން މީގެކުރިންވެސް އެވާހަކަ ދައްކަވާފައިވެއެވެ.

ޗާގޯސް މައްސަލާގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރަށް މެމްބަރުން ބަހުސްކުރައްވަމުން ގެންދިޔައިރު މެމްބަރުންގެ ވާހަކަފުޅު މެދުކަނޑާލައި ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ބައެއް މެމްބަރުންގެ ވާހަކަތަކާއި ދެކޮޅު ހެއްދެވިއެވެ.

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ވާހަކައިގެ ތެރެއިން ދެފަހަރެއްގެ މަތިން، ރައީސް ނަޝިދު ވަނީ ވާހަކަފުޅު މެދުކަނޑާލައި ޝަރީފްގެ ވާހަކަފުޅު ރަނގަޅުނޫންކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް ނަޝީދަށް ފެނިލައްވާ ރަނގަޅު ގޮތް ވިދާޅުވަމުން ގެންދެވިއެވެ.

އެކަމާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.

"މަޖިލިސް ފެށީ 9 ޖެހިއިރު. އެއް ގަޑިއިރާއި 15 މިނެޓު ވީއިރު މެމްބަރަކު ވާހަކަ ދެއްކެވި އިރަށްވުރެ ރިޔާސަތުން ވާހަކަދައްކަވައިފި"

ރިޔާސަތުން ބަހުސްގައި ބައިވެރިވެގެން ނުވާނެކަން ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށް ފަލާހު ވިދާޅުވިއެވެ. އެއްވެސް މެމްބަރަކު ދައްކާ ވާހަކައަކާއި ގުޅޭގޮތުން ވަކިކޮޅަކަށްޖެހި ވާހަކަދައްކައިގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ. ފަލާހުގެ ނިޒާމީ ނުކުތާގެ ވަކި ހިސާބަކުން ރިޔާސަތުން ވަނީ ފަލާހުގެ މައިކުގެ އަޑު ކަނޑާލާފައެވެ.

ފަލާހުގެ ވާހަކަތަކަށް ރައީސް ނަޝީދު ރައްދުދެއްވައި އެކަން އެގޮތަށް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ދިވެހި ރައްޔިތެއް. އަޅުގަނޑަށް މިތަނުގައި އިނދެ ބަހުސް މަރުހަލާގައި އަޅުގަނޑަށް އިނގޭ މައުލޫމާތު މިތާ މެމްބަރުންނަށް ނޭރުވުން އެއީ ބުއްދި ގަބޫލުކުރާ ގޮތެއް ނޫން"

އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު ވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވާ އެކަން ފާހަގަކުރައްވާފައެވެ. މެމްބަރު ވަނީ މަޖިލީހުގެ މެމްބަރުން ދައްކަވާ ވާހަކަތައް ރިޔާސަތުން ތަރުޖަމާ ކުރެއްވުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

"ޗާގޯސް މައްސަލައަކީ ޚައްސާސް މައްސަލައެއް. މަނިކުފާނު ހޮވިވަޑައިގެން ދާއިރާގެ ގޮނޑި މިއިންނެވީ. ގޮނޑިއަށް ވަޑައިގެން ހަމަ ވާހަކަފުޅު ދައްކަވަންވީ"

ރައީސް ނަޝީދު ހޮވިވަޑައިގެންނެވި ދާއިރާ، މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގައި އިންނަވައިގެން މިހާތަނަށް ދުވަހަކުވެސް ބަހުސް މަރުހަލާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް، ރިޔާސަތުގައި އިންނަވާ މެމްބަރުންގެ ވާހަކަތައް މެދުކަނޑައި، ރައީސް ނަޝީދަށް ފެންނަ ގޮތް ހާމަކުރައްވަމުން ގެންދަވާތީ ގިނަ މެމްބަރުންތަކެއް އެކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *