ކެންސަރާއި ގުޅޭގޮތުން ދާދިފަހުން ހެދި ދިރާސާއަކުން ވަނީ، ބޮލު އިސްތަށިގަނޑުގައި ލުމަށް ބޭނުންކުރާ ބައެއް ޝޭމްޕޫތަކުން ކެންސަރު ޖެހުމަށް މަގުފަހިވާ ކެމިކަލެއް ފެނިފައެވެ. އެހިސާބުން އެތައް ބަޔަކު ކޮންމެ ދުވަހު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވުމަށް ޖެހިލުންވެސް ވެއެވެ. އިސްތަށިގަނޑު ދޮންނަން ޖެހެނީ ކިހާ އަވަސްއަވަހަކަށް ކަމާއިމެދު އަބަދުވެސް ބަހުސްކުރެއެވެ. މިކަމުގައި އެކި މީހުންގެ ހިޔާލު ތަފާތުވެސް މެއެވެ.
އެމެރިކަން އެކަޑެމީ އޮފް ޑަރްމަޓޮލޮޖީ އެސޯސިއޭޝަން އަށް ނިސްބަތްވާ، ނިއުޔޯކްގެ ޑަރްމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ އެންތޮނީ ރޮސީ ބުނީ، ބައެއް މީހުން ދެކޭގޮތުގައި ކޮންމެ ދުވަހަކު ބޮލު އިސްތަށިގަނޑު ނުދޮންނަނަމަ ވަރަށް ތަތްވާނެއެވެ. އެހެންނަމަވެސް، ބަރާބަރަށް ކޮންމެ ދުވަހަކު އިސްތަށިގަނޑު ނުދޮވެ، ދުވަސްކޮޅެއް ވަންދެން ބަލައިފިނަމަ، މިހުރީ ދުވަހު އެމީހުންނަށް ކުރެވުނީ ކުށް ހީއެއް ކަން އެނގިދާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮންނަން އާދަވެފައި ތިބޭ މީހުންނަށް އެކަން ދޫކޮށްލަން އުނދަގޫވެދާނެ ކަމަށާއި ސަބަބަކީ، އެމީހުންނަށް އިސްތަށިގަނޑު ތަތްވެ ހަޑިވާހެން ހީވާތީ ކަމަށްވެސް ޑރ ރޮސީ ބުންޏެވެ.
ހަފްތާއެއްގެ ތެރޭގައި އިސްތަށިގަނޑު ދޮންނަން ޖެހޭ މިންވަރު އެކި މީހުންގެ ތަފާތުވާނެއެވެ. އެގޮތުން މީހުންގެ އިސްތަށިގަނޑު ހުންނަ ސްޓައިލާއި، ހަންފޮޅުމާއި އަދި ވަޒީފާގައި އުޅޭ ބުރަކަމުގެ މައްޗަށް، އިސްތަށިގަނޑު ދޮންނަން ޖެހޭ މިންވަރު ބަރޯސާވެއެވެ. ބައެއް ފަހަރު މާގިނައިން އިސްތަށިގަނޑު ދޮވުމަކީ އިސްތަށިގަނޑު ހަލާކުވުމަށް މެދުވެރިވާ ސަބަބަކަށް ވާއިރު، އަނެއް ބައި ފަހަރު ކޮންމެ ދުވަހަކު އިސްތަށިގަނޑު ނުދޮންނަނަމަ އިސްތަށިގަނޑު ތަތްވެ، ނުބައި ވަސްދުވުމަށް މެދުވެރިވެއެވެ.
އިސްތަށިގަނޑު ދޮންނާނީ ކޮންއިރަކު؟
ޑރ ރޮސީ ބުނެފައިވާ ގޮތުގައި، އޭނާ ކައިރިއަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް އޭނާ އިރުޝާދު ދެނީ ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު އިސްތަށިގަނޑު ދޮވުމަށެވެ. އެހެންނަމަވެސް، އިސްތަށިގަނޑު އެކި ކަހަލަ ކެމިކަލްސް ކަމަށްވާ، ބްލީޗް، ޕާރމްސް ނުވަތަ ރިލެކްސަރސް ބޭނުންކުރާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު އިސްތަށިގަނޑު ދޮންނަން މީހުން ބޭނުންވެއެވެ. އެމެރިކަން އެކަޑެމީ އޮފް ޑަރްމަޓޮލޮޖީ އެސޯސިއޭޝަންގެ ވެބްސައިޓްގައި ވާނަމަ، އިސްތަށިތަކުގެ ބުޑުތައް ވަރަށް ތެޔޮވެފައި ތަތްވާނަމަ ދުވާލަކު އެއްފަހަރު އިސްތަށިގަނޑު ދޮވުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. އެގޮތުން ކުދިން ފުރާވަރަށް އަޅާއިރު، ހަށިގަނޑު ހެދިބޮޑުވާތީ، އެކުދިންގެ އިސްތަށިގަނޑު ތެޔޮވުމަކީ ވާކަމެކެވެ. އެހެންކަމުން އެދުވަސްކޮޅު އިސްތަށިގަނޑު ދޮވުން އިތުރުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ތިން ހަފްތާ ތެރޭގައި މަދުވެގެން 2 ފަހަރު ނުވަތަ 3 ފަހަރު އިސްތަށިގަނޑު ދޮވުމަކީ ކުރަން ޖެހޭ ކަމެކެވެ.
އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓޭނީ ހަމައެކަނި އިސްތަށިގަނޑު ދޮވެގެންނެއް ނޫނެވެ. އިސްތަށިގަނޑު ނުދޮވެ އުޅޭ ދުވަސްކޮޅު ކުރެވިދާނެ ކަންކަން ވެސް އެބަހުއްޓެވެ. އެގޮތުން ބަރާބަރަށް ކޮންމެ ދުވަހަކު އިސްތަށިގަނޑު ރަނގަޅަށް ފުނާ އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ދުވަސްވަންދެން އިސްތަށިގަނޑު ފުނާ ނާޅާއި ހުރުމަކީ، އިސްތަށިގަނޑު ހަލާކުވާން މެދުވެރިވާ ސަބަބެކެވެ. ވަޒީފާގައި ވަރަށް ބުރަކޮށް އުޅޭ ދުވަހެއް ނަމަ، ސޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވުމުގެ ބަދަލުގައި ސާފު ފެނުން އިސްތަށިގަނޑު ދޮވެލުމަކީވެސް ކުރެވިދާނެ ކަމަކެވެ.