ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިހާދިސާގައި 10 މީހަކު ނިޔާވެފައިވާއިރު މީގެތެރެއިން 9 މީހެއްގެ ހަށިގަނޑު ފެނިފައިވަނީ އަލިފާނުގެ ހާދިސާ ހިނގިތާތެރެއިންނެވެ. އެކަކު ނިޔާވީ އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ. އެމީހުންގެ ހަށިގަނޑުތައް ވަނީ ގަލޮޅު މޯޗަރީ އަށް ގެންގޮސްފައެވެ.
ފުލުހުންބުނީ އައިޖީއެމްއެޗްގައި އެކަކަށް މިހާރުވެސް ފަރުވާދެމުންދާ ކަމަށާ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
މ. ނިރުފެހީގެ ތިރީގައި ހުރި ގަރާޖުގައި ރޯވެ އެތައް ބަޔަކު މަރުވި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ސަރުކާރުގެ އިސްވެރިން މިއަދު ވަނީ އެސަރަހައްދަށް ވަޑައިގެންފައެވެ. އެގޮތުނ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އެސަރަހައްދަށް ވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ރޭގެ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ގެއްލުންތަކެއް ލިބިފަ. މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން."
ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތޮއްޖެހިގެން ދިރިއުޅެން ޖެހުމާއި މީހުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ގުދަންތައް ހުރުން ކަމަށެވެ. ރައީސް ވިދާޅުވީ 2019 ވަނަ އަހަރު ކެމިކަލް ގުދަނެއްގައި ރޯވި ހާދިސާ އަށް ފަހު މާލެ ސަރަހައްދުގައ ހުރި ހުރިހާ ކެމިކަލް ގުދަންތަކެއް މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުކޮށްފައިވާ ކަމަށާ ސަރުކާރުގެ ޕްލޭނަކީ މިފަދަ ގަރާޖުތަކާއި ވޯކްޝޮޕްތައްވެސް މާލެ ސަރަހައްދުން ބޭރުކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ ތިލަފުއްޓާއި ގުޅީފަޅުގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރާނެ ތަންތަން ހިމެނޭ ކަމަށެވެ. އަދި ހުރިހާ ގުދަންތަކާއި ގަރާޖުތައް އެ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި އެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައަޅައި، ވީ އެންމެ އަވަހަކަށް އެކަންކަން ކުރައްވާނެ ކަމަށެވެ.