ރިޕޯޓްވައްޓަފާޅި

ހަނގާކުރުން: އިޖުތިމާއީ ފޭރާން ކައި ހުސްކުރަމުންދާ ކަތުރު ފަންޏެއް!

ހަނގާ ކުރުމަކީ ދިވެހިންގެ ތެރޭގައި އާއްމުވަމުންދާ ނުރަނގަޅު އަމަލެއް.

މިއަދު ދިވެހިން އެކަމަކާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އެއް ކަމަކީ ހަނގާކުރުމެވެ. ހަމަޔަގީނުންވެސް ހަނގާކުރުމަކީ ކޮބައިކަން ދިވެއްސަކަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. އެއަށްވުރެ ބޮޑަށް މިއަދު އަޅުގަނޑުމެން މި ބަހާ ރަހުމަތްތެރިއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މީސްމީޑިއާގައި ހަނގާކުރުމާއި ދެކޮޅަށް ލިޔެލެވޭ ލިޔުމަކުން، ނުވަތަ ހަނގާކުރުމާއި ދެކޮޅަށް މީހުން އަހުލުވެރިކުރުވަން ބޭއްވޭ ޖަލްސާއެއްގައި ބައިވެރިވުމުން އެވީއެވެ. މީސްމީޑިއާގައި ހަނގާކުރުމާއި ދެކޮޅަށް ބޮޑު ޕެރެގްރާފެއް ލިޔުމަށްފަހު، އެކުވެރިންނާއިއެކު ކޮފީއަށް ގޮސް ކޮންމެވެސް މީހަކަށް މަލާމާތްކޮށްލަނީއެވެ. ނޫނީ ކޮންމެވެސް މީހެއްގެ އަބުރު ކަތިލެވެނީއެވެ. ހަނގާކުރުން ހުއްޓުވުމަށް މީހުން އަހުލުވެރިކުރުވަން ބާއްވާ ޖަލްސާތަކުގައި ބައިވެރިވެގެން އިނދެ، ގިނަ ފަހަރަށް ފޯނުން ސޯޝަލް މީޑިއާއަށް ވަދެ ބަލާނީ ކޮންމެވެސް މީހަކަށް މަލާމާތްކޮށްފައި ހުންނަ ޕޯސްޓްތަކެވެ. އެ ޕޯސްޓްތައް އެކުވެރިން ތިބޭ ގްރޫޕްތަކުގައި ހިއްސާވެސް ކުރާނެއެވެ. ހަނގާކުރުމުގެ ނުބައި ވަބާ ދިވެހިންގެ ތެރެއިން ފިލައިގެން ނުދަނީ މިފަދަ ފަރުވާކުޑަ ބައެއް އަމަލުތަކުގެ ސަބަބުންނެވެ.

ހަނގާކުރުމަކީ މިއަދު މިކުޑަކުޑަ މުޖްތަމައުގައިވެސް ކަންބޮޑުވާންޖެހޭ މިންވަރަކަށް އޮތް ކަމެކެވެ. ހަނގާކުރުން އެންމެ ބޮޑަށް އޮތް ތަނަކީ ސުކޫލުތަކެވެ. ގިނަ ސުކޫލުތަކުގައި ހަނގާކުރުމަކީ އާއްމުކަމެކެވެ. އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ މީހުން ވަނީ އެކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރުމަށް ނުކުޅެދިފައެވެ. ސުކޫލުގެ މާހައުލުގައި ހަނގާގެ ޝިކާރައަކަށްވެ، އެކަމަށް ހައްލެއް ނުލިބިގެން އެހެން ސުކޫލަކަށް ކިޔެވުން ބަދަލުކުރަން ޖެހުނު ކުދިންވެސް އެބަ ތިއްބެވެ. މީގެއިތުރުން ކްލާސް ކުދިންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައިގެ ސަބަބުން ކިޔެވުން މަތިން ފޫހިވެ، ސުކޫލަށް ދާހިތްނުވާ އެތައް ކުއްޖެއްވެސް އެބަތިއްބެވެ. ސުކޫލުގައި ހަނގާގެ ޝިކާރައަކަށްވުމުން، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، ނަފްސާނީ ބަލަމަޑުކަމެއް ތަހައްމަލު ކުރަން ޖެހުނު ކުދިންވެސް ހަމަޔަގީނުންވެސް މަދެއް ނުވާނެއެވެ.

ޓިކްޓޮކަކީ މިއަދު ގިނަ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަބަދުވެސް ތިބޭނީ ޓިކްޓޮކް ބަލާށެވެ. އެގޮތުން، ޓިކްޓޮކްގައި ލައިވްވެގެން އެކަކު އަނެކަކާއި ޒުވާބުކޮށް، ހަނގާކުރުން ވަނީ އާއްމުކަމަކަށް ވެފައެވެ. ޓިކްޓޮކް ލައިވްތަކުގައި މީހުންގެ އަބުރާއި ބެހުމާއި، މީހުން ފަލީހަތްކުރުން ފަދަ ނޭދެވޭ އަމަލުތައް ދަނީ ހިންގަމުންނެވެ. މީގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، އެތައް މައްސަލަތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން ބޭނުންކުރަމުން ގެންދާ މިފަދަ ޕްލެޓްފޯމްތަކުގައި، މިފަދައިން ދިވެހިންގެ ކިބައިން ނުރަނގަޅު އަމަލުތައް ފެނިގެން ދިޔުމަކީ ހަގީގަތުގައި ވަރަށް ހިތާމަކުރަން ޖެހޭ ކަމެކެވެ. ވަރަށް ކޫލްކަމެއް ކަމަށް ދެކިގެން ޓިކްޓޮކާއި މީސްމީޑިއާގެ އެކި މަންސަތަކުގައި ހަނގާކުރުމުގެ ހަޑި އަމަލު ހިންގަމުންދާ މީހުންނަށް ނަސޭހަތްތެރިވެ، ފިޔަވަޅުވެސް އަޅަން ޖެހެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ދެކޭ ގޮތުގައި ދިވެހިންނަކީ ވަރަށް އެކުވެރި އަދި އެއްބައިވަންތަ ބައެކެވެ. އަޅުގަނޑުމެންގެ ކާބަފައިން ވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރިވެތި މިސާލާއި ނަމޫނާ ދުނިޔެއަށް ދައްކައިފައެވެ. އެހެންނަމަވެސް، މިއަދު ދިވެހިންގެ ބައެއް އަމަލުތައް ހުންނަ ގޮތުން، ޒަމާނުއްސުރެ ދިވެހިންނާއި ދޭތެރޭ އެހެން ގައުމުތަކުގެ މީހުން ދެކެމުން އައި ގޮތް ދަނީ މަޑުމަޑުން ބަދަލުވަމުންނެވެ. މިއީ ވަރަށް ކަންބޮޑުވާން ޖެހޭ އަދި ހިތާމަކުރަންޖެހޭ ކަމެކެވެ. ހަނގާކުރުން ފަދަ ހަޑި އަމަލުތައް އަޅުގަނޑުމެންގެ ތެރެއިން ނައްތާލަން ޖެހޭނެއެވެ. ސުކޫލުތަކުގައި ހަނގާކުރުން ހުއްޓުވަން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. އެހެން މީހުންނަށް އިނގިލި ދިއްކޮށް އެހެން މީހުން ކުށްވެރިކުރުމުގެ ކުރިން ތިބާ އަކީވެސް މީހުންނަށް ހަނގާ ނުކުރާ މީހަކަށްވުމަށް މަސައްކަތް ކުރާށެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %