ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި، މިއަހަރުގެ ބާކީ މިއޮތް ދެމަހަށް ބޭނުންވާ 5.8 ބިލިއަން ރުފިޔާ 2023 އަށް ލަފާކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އިއްޔެ ހުށަހެޅުއްވީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރޭގައި މިއަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.

"އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، މިއަހަރަށް އިތުރަށް ހަރަދުވާނެ ކަމަށް ލަފާކުރާ 5.8 ބިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓެއްގެ ގޮތުގައި ހިމެނޭނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ"

ސަޕްލިމަންޓަރީ ބަޖެޓަކީ އެހަރަދެއް ކުރުމުގެ އެއްމަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭ އެއްޗެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބާކީ މިއަހަރު އޮތް ދެމަސް ތެރޭ 5.8 ބިލިއަން ރުފިޔާ ހަރަދުކުރާނެ ގޮތެއް ނުވިސްނޭކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ކަންކަން ހިނގާނީ މެމްބަރުން ބޭނުންވާގޮތަށް ކަމަށާއި އެހެންނަމަވެސް ސަރުކާރުން ހުށަހަޅާ ބިލުތަކާއި ބަޖެޓާއި ގަރާރުތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ނުހިނގާނަމަ އަތުން ގެއްލޭ ކަންކަން ބޮޑުވާނެކަމަށް ވިދާޅުވިއެވެ.

"5.8 ބިލިއަން ރުފިޔާއަކީ ކުޑަ އަދަދެއް ނޫން. އެއީ މިސާލަކަށް ބުނާނަމަ ސުނާމީގެ ކުރިން މުޅި ދިވެހި ދައުލަތުގެ ބަޖެޓު"

ކަންކަން ކުރުމުގައި ވަކި އިޖުރާއަތުތަކެއް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، މަޖިލީހުގައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން އިތުރުވީ ކަމަށް ވަޒީރުން ދެކިވަޑައިގެން، ކަންކަން ފަސޭހަ ގޮތަށް ކުރައްވަން މަސައްކަތްކުރެއްވުމަކީ ޑިމޮކްރަސީއަށާއި މަޖިލީހުގެ ގަދަރާއި އިއްޒަތަށް ލިބޭ އުނިކަމެއް ކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *