ރާއްޖޭގައި ސްކޭމް ކޯލް އަދި އޮޅުވާލައިގެން ފައިސާ ޓްރާންސްފާރކޮށް، ކުށްކުރުން ގިނަވަމުން ދާތީ މި ކަންކަން ހައްލުކުރަން އިދާރީ އަދި ޤާނޫނީގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކޮށްފިއެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓަރީން ބުނީ މިއަދު އެމްއެމްއޭ، ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރިންނާއި، އިކޮނޮމިކް މިނިސްޓަރ ބައްދަލުކުރައްވާ މި މައްސަލައާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގައި ސްކޭމް ކޯލުތައް ގިނަވެ އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލާ މައްސަލައާއި އޮޅުވާލައިގެން އެކި އެކި އިދާރާތަކުގެ ނަމުގައި އެހެން އެކައުންޓްތަކަށް ފައިސާ ޓްރާންސްފާރ ކުރުވާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ސްކޭމް ކޯލްތައް އެންމެ ގިނައިން އަންނަނީ ޖަލުން ކަމަށް މިހާރުވަނީ ހޯދިފައެވެ. އެފަދަ ކޯލުތައް ހުއްޓުވުމަށް ޖަލުގައިވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެންތަނާއެއް ހަރުކޮށްގެން އެފަދަ ކޯލުތައް ކުރާ ފޯނުތައް ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މި ފަދަ ކޯލުތައް އިތުރުވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.
ދާދިފަހުން ފެންމަތިވެފައިވާ މި ފަދަ މައްސަލަތަކުގެ ތެރޭގައި ރާއްޖޭން ބޭރުގައި އުޅޭ ފަރާތްތަކުގެ ވިސާ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން ވަގަށް އެހެން އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ރ ކުރުމާއި ވިޔަފާރި ކުރުން ފަދަ ކުށްތައް ވަނީ އިތުރުވެފައެވެ.