2022 ވަނަ އަހަރުގެ ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހެދުމަށް އެންމެ ކުޑަ އަގެއް ހުށަހެޅީ މެޑިފްލެކްސް ކުންފުނިންކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވަނީ ހައްޖުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމަށް މެޑިފްލެކްސްއާއި ހަވާލުކުރީ ހައްޖު ކޯޕަރޭޝަންގެ ޕްރޮކިޔުމަންޓް އުސޫލާއި އެއްގޮތަށް ކަމަށެވެ.
މިނިސްޓަރުގެ ޖަވާބުގައި އެކަމަށް މެޑިފްލެކްސްއިން ހުށަހެޅީ ބޮލަކަށް 200 ރުފިޔާކަމަށް ވިދާޅުވިއެވެ. އައިޖީއެމްއެޗްއިން ބޮލަކަށް 700 ރުފިޔާގެ އަގު ހުށަހެޅިއިރު މޯލްޑިވްސް ޕޮލިސް ސާރވިސްގައި ޓެސްޓް ހެދުމަށް ބޭނުންވާ ކެމިކަލް ނެތްކަމަށް ބުނެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މެމްބަރު ކުރެއްވި ދެވަނަ ސުވާލުގައި އިސްލާމިކް މިނިސްޓްރީގެ ތެރެއިން އަދާލަތު ޕާޓީއަށް ނުވަތަ ވަކި ބަޔަކަށް ފުރުސަތު ދީގެން ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި އެމީހުން ހައްޖަށް ފޮނުވާފައިވާނެތޯ އެއްސެވިއެވެ.
ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެހީތެރިންގެ ގޮތުގައި މީހުން ހަމަޖެއްސީ ކުންފުނީގެ ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް ކަމަށެވެ. އެގޮތުން އާންމުކޮށް އެކަމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލި މީހުންނާއި ބައްދަލުކޮށް އިންޓަވިއުކޮށް، އިންޓަވިއުއިން އެންމެ މަތީ ނަތީޖާ ހޯދި މީހުން އެކަމަށް ހޮވިކަމަށް ވިދާޅުވިއެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ އެދުމަށް މިނިސްޓްރީގެ އެއް މުވައްޒަފު ހައްޖުގައި ބައިވެރިކޮށްފައިވާކަމަށްވެސް މިނިސްޓަރ ވަނީ ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައެވެ.