ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. 1992 ވަނަ އަހަރުން ފެށިގެން ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ މީހުންނާއިމެދު މުޖުތަމައު ދެކޭގޮތާއި އަމަލުކުރާ ގޮތް ބަދަލުކުރުމަށް ވޯލްޑް ފެޑެރޭޝަން ފޯރ މެންޓަލް ހެލްތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރީ ސަރުކާރުތަކުން ނަފްސާނީ ބަލިތަކާއި ނަފްސާނީ ޞިއްޙަތު އަދި ދުޅަހެޔޮ ކަމަށް އެކަށީގެންވާ ވަރުގެ އަހައްމިއްޔަތުކަމެއް ދީފައިނުވާކަން ސަރުކާރުން ފާހަގަކުރެއެވެ. އެކަން ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާކުރުމުގެ އިންތިޒާމްތައް ލުއިފަސޭހަކުރުން ސަރުކާރުގެ ގައުމީ ސިޔާސަތުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ސަރުކާރުން ދެކޭ ގޮތުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމައުގެ އެއްބާރުލުމާއި އެކުގައެވެ. އަދި ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ބިނާވެފައިވާކަމެއް ކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަން ސަރުކާރުން ފާހަގަކުރެއެވެ.
މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވިތާ މިހާރު ދެއަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މެންޓަލް ހެލްތު ސެންޓަރުން އަންނަނީ ނަފްސާނީ ފަރުވާ ހޯދާ މީހުންނަށް އިތުބާރުހުރި ރައްކާތެރި ފަރުވާއެއް ފޯރުކޮށްދެމުންނެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިސެންޓަރުން ބައިލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ ކޮންސަލްޓޭޝަން ފޯރުކޮށްދީފައެވެ. އަދި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ސެންޓަރު ހުޅުވި އަހަރާއި ބަލާއިރު ނިސްބަތުން އިތުރުވެފައިވާކަމަށް
މެންޓަލް ހެލްތު ސެންޓަރުން މިހާތަނަށް ހަދާފައިވާ ކޮންސަލްޓޭޝަންތަކަށް ބަލައިލާއިރު
- 2019: 7،246
- 2020: 17،708
- 2021: 16،936
- 2022 ގެ އޮކްޓޫބަރާއި ހަމައަށް: 13،718
ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު:
- 2020: 49
- 2021: 232
- 2022ގެ އޮކްޓޫބަރާއި ހަމައަށް: 125
މެންޓަލް ހެލްތު ސެންޓަރުގެ ވެއިޓްލިސްޓް ދަށްކުރުމަށް ކުރި މަސައްކަތުން އެއަދަދު ވަނީ 3،500އިން 510އަށް ކުޑަކުރެވިފައެވެ. މިއަހަރުގެ މާޗް އަދި އޭޕްރިލް މަހާއި އަޅާބަލާއިރު މިއަދަދު ވަނީ ވަރަށް ބޮޑަށް ދަށް ކުރެވިފައެވެ. އަދަދު ދަށްކުރުމުގެ ގޮތުން ސެންޓަރުގައި މަސައްކަތްކުރާ ސައިކޭޓްރިސްޓުންގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.
އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރުން އެކަނި މިފަރުވާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުޅި ރާއްޖެއަށް މިހިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިއަދު ހުޅުމާލޭގައި އާ ސެންޓަރެއް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު "ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ޑިވެލޮޕްމަންޓް ޕްލޭން"ގެ ދަށުން ރީޖަނަލް ހޮސްޕިޓަލުތަކުގައި މެންޓަލް ހެލްތު ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
ހުޅުމާލެ މެންޓަލް ހެލްތު ސެންޓަރާއެކު އައިޖީއެމްއެޗް ސެންޓަރުގެ ވެއިޓްލިސްޓުގައި ތިބި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން އަވަހަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި އައިޖީއެމްއެޗްގެ ސެންޓަރުގެ ވެއިޓިލިން ލިސްޓު ކުޑަވެގެންދާނެއެވެ.
މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "މޭކް މެންޓަލް ހެލްތު އެންޑް ވެލް ބީންގ ފޮ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" ނުވަތަ "ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަން އެންމެންވެސް އިސްކަންދިނުން"އެވެ. ދުނިޔޭގެ 970 މިލިއަން މީހުން ކޮންމެވެސް ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ކަންބޮޑުވާ މިންވަރެއްގައި މިއަދަދު އޮތްއިރު، ރާއްޖޭގައިވެސް މިބައްޔަށް ފަރުވާ ހޯދަމުންދާ އެތައްހާސް މީހުންނެއް އެބަތިއްބެވެ. ސަރުކާރުގެ އަމާޒަކީ މިބައްޔާއިމެދު ވީހާވެސް ގިނަބަޔަކު ހޭލުންތެރިކުރުވައި، ބައްޔަށް ފަރުވާ ހޯދުމަށް ފަސްނުޖެހޭ ބަޔަކު އުޅޭތަނަކަށް މިމުޖުތަމައު ހެދުމެވެ.