ލ. ގަމުގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލުގެ ޑީޓެއިލް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރް)ގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުގެ މިއުވާން މުހައްމަދު ވިދާޅުވީ އެމަޝްރޫއުގެ ޓެކްނިކަލް ފީސިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ހޮސްޕިޓަލުގެ މަސައްކަތް ނިންމާލެވޭނެ ސީދާ ތާރީހެއް ބުނަން ނޭނގުނު ނަމަވެސް، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ ބޮޑެތި މަޝްރޫއުތައްކަމަށްވާ ފަސް ސަރަހައްދުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުތަކާއި ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވާ މިއުވާން ވިދާޅުވީ މިފަދަ މަޝްރޫއުތަކުގެ ބޮޑު މަސައްކަތަކީ ފައިނޭންސް ހޯދުން ފަދަ އަމަލީ މަސައްކަތުގެ ކުރިން ކުރަންޖެހޭ ކަންކަން ކަމަށެވެ. ފައިނޭންސް ހޯދުން ފަދަ ކަންކަން ނިމިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.
އިންޑިޔާ ސަރުކާރުގެ އެހީގައި ގަމުގައި ތަރައްގީކުރާ މިހޮސްޕިޓަލުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެކްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މިމަޝްރޫއުގެ ޑީޕީއާރް ކުރިއަށްގެންދަނީ ޓާޓާ މެމޯރިއަލް ސެންޓަރ (ޓީއެމްސީ) ގެ މަންދޫބުންގެ ޓީމަކުންނެވެ.
އިންޑިއާ ޓީމުން ވަނީ ގަމު ކައުންސިލާ ބައްދަލުކޮށް، މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާއި، މި މަޝްރޫއާއެކު ގަމަށް އަންނާނެ ތަރައްގީއާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ރަށުގައި ހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ވެސް އިންޑިއާ ޓީމުން ސާފުކޮށްފައިވެއެވެ.
މި މަޝްރޫގެ ދަށުން ލ. ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކެންސަރު ބަލީގެ ތަހުލީލުތައްކޮށް، ބަލި ދެނެގަނެ، ފަރުވާ ދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެއެވެ. އެ ހޮސްޕިޓަލް ހުޅުވުމުން ގަމަށް މެޑިކަލް ޓުއަރިޒަމް ވެސް ތައާރަފު ވެގެންދާނެއެވެ. އަދި ރާއްޖޭގައި ތިބި ކެންސަރު ޖެހިފައިވާ މީހުންގެ ރަޖިސްޓަރީއެއް އެކުލަވާލާނެއެވެ.
އެ މަޝްރޫގެ ދަށުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމާ ބެހޭ ތަމްރީނު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން ނަރުހުންނާއި، ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި އެހެން މުވައްޒަފުން ހިމެނޭ ގޮތަށް ސިއްހީ ދާއިރާގެ 250 މުވައްޒަފުން ތަމްރީނު ކުރާނެއެވެ.