ސިވިލް އޭވިއޭޝަން ދާއިރާ ތަރައްގީކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ކެނެޑާގެ މޮންޓްރިއޯލްގައި ބާއްވާ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އީކާއޯ)ގެ 41 ވަނަ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ފާއިތުވި ތިން އަހަރު ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް ކުރިއަށް އޮތް ތިން އަހަރަށް ސަރުކާރަށް ކަނޑައަޅާފައިވާ ސިޔާސަތުތައްވެސް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ދާއިރާގެ ކަންކަމުގައި ހިޔާލު ތަފާތުވުން ހުރި ކަމުގައިވިޔަސް ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
At the 41st @icao General Assembly held in Montreal, Minister @aishath_nahula delivered the country statement detailing the achievements of the past 3 years, priorities for the next 3 years and general aviation policies of the government.[1/3] pic.twitter.com/hNKTXpEgOQ
— Ministry of Transport and Civil Aviation (@MoTCAmv) October 7, 2022
މީގެ އިތުރުން ގައުމުތަކުގެ އަޑު އަހައި ހުރިހާ ގައުމަކަށްވެސް ހަމަހަމަ ފުރުސަތެއް ދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެކުވެރި ގައުމުތަކަށް އެހީވުމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާލެއްވިއެވެ.
އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް އޮންނަ މިޖަލްސާގައި ރާއްޖެ ތަމްސީލުކުރުމަށް މިނިސްޓަރާއެކު މިނިސްޓްރީއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އިކާއޯގެ އާންމު މަޖިލީހަކީ އެ ޖަމިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކަށާއި، ވައިގެ ދަތުރުފަތުރާއިބެހޭ ބައިނަލްއަގުވާމީ އެހެނިހެން ޖަމިއްޔާތަކަށް ދައުވަތުދީގެން ކޮންމެ ތިން އަހަރުން ބާއްވާ ބައްދަލުވުމެކެވެ. މިފަހަރު 192 މެމްބަރު ގައުމުތަކުގެ ތެރެއިން 172 ގައުމަކާއި، ވައިގެ ދަތުރުފަތުރާއި ގުޅުން ހުރި 61 ބައިނަލްއަގުވާމީ ޖަމުއިއްޔާއަކުން މިޖަލްސާގައި ބައިވެރިވެއެވެ.