ރާއްޖޭގައި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ބަޓެލްކޯއާއި ދިރާގާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ބަޙްރައިންއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގައި ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ބަޙްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) އާއި ދިރާގާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
މި އެމްއޯޔޫގެ ދަށުން، ރާއްޖޭގެ ޑިޖިޓަލް ތަރައްޤީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އޭޖެންސީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ދިވެހިންނަށް ރައްކާތެރި ސައިބަރ ސްޕޭސްއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެލްކޯގެ ބިޔޯން ސައިބަރގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި؛
- އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ
- ސެކުއިރިޓީ އިންޖިނިއަރިންގ
- ސައިބަރ ޑިފެންސް
- ސެކިއުރިޓީ އެޝިއުރެންސް
- ސައިބަރ ތުރެޓް އަދި ތުރެޓް ހަންޓިންގ
- އިންސިޑެންޓް ރެސްޕޮންސް ހިމެނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވަނީ ސައިބަރ ސެކިއުރިޓީއަށް ބޭނުންވާ ސްޕެޝަލައިޒްޑް ޕްރޮފެޝަނަލުންނަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ގިނަ ސްޓޭކް ހޯލްޑަރުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވާފައެވެ. ބަޓެލްކޯ އަދި ދިރާގާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގައި ސައިބަރ ސްޕޭސް އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި، ސަރުކާރުގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ބަޓެލްކޯގެ ޗެއަރމަން ޝެއިޚް ޢަބްދުالله ބިން ޚަލީފާ އަލް ޚަލީފާ ވަނީ ދިވެހިރާއްޖެ އާއި ކިންގްޑަމް އޮފް ބަހްރެއިން އާއި ދެމެދު އޮންނަ ގުޅުމަށް ތައުރީފްކުރައްވާފައެވެ. ޚާއްސަކޮށް މުވާސަލާތީ ދާއިރާއިން ބަޓެލްކޯގެ ބައިންލްއަޤްވާމީ އޮޕަރޭޝަން ކަމަށްވާ ދިރާގު މެދުވެރިކޮށް ކުރާ މަސައްކަތް ފާހަގަކުރައްވާ ބަޓެލްކޯ އިން ދާދި ފަހުން ތަޢާރަފްކުރި ޑިޖިޓަލް ކުންފުނި ބިޔޯން ސައިބަރ އާއި ދިރާގު ގުޅިގެން ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެމްއޯޔޫގައި ސޮއިކުރުމަކީ ލިބޭ ފަހުރެއްކަމަށް ވިދާޅުވިއެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ދެއްކެވި ވާހަކަފުޅުފައި ރާއްޖޭގައި ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ބަޓެލްކޯގެ ބިޔޯން ސައިބަރ އާއި ގުޅިގެން ދިވެހި ސަރުކާރަށް އެއްބާރުލުން ދިނުމަކީ ލިބޭ ފަހުރެއްކަމަށް ވިދާޅުވިއެވެ. މި މަޝްރޫއުގެ ޒަރިއްޔާއިން އެންސީއައިޓީ އާއިއެކު އިލްމާއި ތަޖުރިބާ ހިއްސާކުރެވި، ސަރުކާރާއި ވިޔަފާރިވެރިންނާއި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ބަހްރެއިން ބޯސްގައި ހިމެނޭ ބަޓެލްކޯ (ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ) އަކީ ކިންގްޑަމް އޮފް ބަހްރެއިންގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ކޮމިއުނިކޭޝަންސް ސޮލިއުޝަންސް ފޯރުކޮށްދޭ ކުންފުންޏެވެ. މެނާ ސަރަހައްދުގެ އެންމެ ވާދަވެރި އެއް މާހައުލުގައި، ބަޓެލްކޯ ދަނީ ބަހްރެއިންގެ ސަރުކާރާއި އެންޓަޕްރައިޒް، ކޮންސިއުމާރ އަދި ދުނިޔޭގެ މާކެޓުތަކަށް ޚިދުމަތް ދެމުންނެވެ. މިގޮތުން އެކުންފުނީގެ ޓިއަރ 3 ސެޓިފައިޑް ފެސިލިޓީތަކުން ދަނީ މޮބައިލް، އިންޓަނެޓް، ޑޭޓާ، ކްލައުޑް ސާވިސަސް، އަދި ޑޭޓާ ސެންޓާ ސޮލިއުޝަންސް ފޯރުކޮށްދެމުންނެވެ.
ޑިޖިޓަލް ސްޕޭސްގައި ބަޓެލްކޯ ކުރިއަރަމުންދާއިރު ދާދި ފަހުން އެކުންފުނިން ވަނީ އައު 4 ޑިޖިޓަލް ބްރޭންޑްކަމަށްވާ ބެޔޮން މަނީ، ބެޔޮން ކަނެކްޓް، ބެޔޮން ސައިބާރ އަދި ބެޔޮން ސޮލިއުޝަންސް ލޯންޗްކޮށްފައެވެ. އަދި މި ބްރޭންޑްތަކާއިއެކު ބަޓެލްކޯއިން ވަނީ ކުރިއަރަމުން އަންނަ އެންޓަޕްރައިޒް މާކެޓަށް ބޭނުންވާފަދަ ފައިނޭންޝަލް ސުޕަ އެޕް، ޑިޖިޓަލް ޕޯސްޓްބޮކްސް، ސައިބާ ސެކިއުރިޓީ ސޮލިއުޝަންސް އަދި ބިޒްނަސް ސޮލިއުޝަންސް ހިމެނޭ ޚިދުމަތްތަކެއްވެސް ތައާރަފްކޮށްފައެވެ.