ރައީސުލްޖުމްހޫރިއްޔާ ބަޓެލްކޯގެ އިސްވެރިންނާ ބައްދަލުކުރައްވަނީ

ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)އާއި ރާއްޖެއާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫއާއެކު ޑިޖިޓަލް ހިދުމަތްދޭ ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅުން ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބަޓެލްކޯ އާއިއެކު ވެވުނު ސައިބަރ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ޚިދުމަތްތައްދޭ ،ޤައުމީ، އަދި ބައިނަލްއަޤުވާމީ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި އެލަނޑުދަނޑިއަށް ވާޞިލްވުމުގައި ބަޓެލްކޯއިން ވެދެއްވާ އެހީއަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާ ބަޙްރައިނާއި ދެ ޤައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެއްވަމުންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް ޢަބުދުﷲ ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެކުންފުނިން ދެކޭ ގޮތުގައި، ކޮންމެ އިގްތިސާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ، ލިބިވަޑައިގެންނެވި ފަޚުރެއްކަމަށެވެ.

މިބައްދަލު ކުރެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ފޮރިން މިނިސްޓަރ ޢަބުދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ބަޓެލްކޯ އާއި ދިރާގުން މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މުވާސަލާތީ ކުންފުނި، ދިރާގާއި، ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން، ސައިބަރ ސެކިއުރިޓީގެ މުހިއްމު ދާއިރާތަކުން މަސައްކަތްތައް ކުރެވޭނެއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބަހުރައިންއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *