އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުންނާއި މިނިސްޓްރީގެ އޮޑިޓުން އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ގަވާއިދުގެ ތެރެއިން އެކަންކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ދަނީ ފެންނަމުން.
— Aishath Nahula (@aishath_nahula) October 6, 2022
މިނިސްޓަރ ވަނީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެކަމަށް ވިދާޅުވެފައެވެ. ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި މިކަންކަން ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.
އިއްޔެވެސް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ 97 ވެހިކަލެއްގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފައެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެސް ވަނީ 50 ވެހިކަލެއްގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފައެވެ. ރަޖިސްޓްރީ ބާތިލް ކޮށްފައިވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ނަންބަރު ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްގައި އާންމުކުރެއެވެ.
މާލޭގައި ވެހިކަލް ރަޖިސްޓްރީކުރުމުގެ ބޮޑު ވިޔަފާރިއެއް އޮންނަކަމަށް ތުހުމަތުކުރެވޭއިރު، އެއް ގަރާޖަކަށް އެތައް ވެހިކަލެއް ގަވާއިދާއި ހިލާފަށް ރަޖިސްޓްރީކޮށްދޭ ކަމުގެ ތުހުމަތު މިނިސްޓްރީގެ ވެރިންނަށް ކުރެއެވެ. އަދި ވެހިކަލް ރަޖިސްޓްރީކުރުމަށް ގަރާޖުގެ ވެރިމީހާގެ ލިޔުމެއް ހޯދުމަށް އާންމުގޮތެއްގައި ބައިލައްކަ ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކުރާކަމަށް ގަރާޖުތަކުގެ ވެރިންނަށް ކުރެއެވެ.