ފެނަކަ އަދި ސްޓެލްކޯ އެމްޑީ

މާލެއާއި އެއް އަގެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނަމަ ސްޓެލްކޯއަށާއި ފެނަކައަށްވެސް މިލިއަނުން ގެއްލުންވާނެކަމަށް ދެކުންފުނީގެ ވެރިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއާއި ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގުތަކުގައި އަތޮޅުތެރެއާއި މާލެއާއި ދެމެދު ބޮޑު ފަރަގެއް ގެންގުޅޭތީ އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ މައްސަލައެއް ހުށަހަޅުއްވާފައެވެ.

މައްސަލަ އިތުރަށް ދިރާސާކުރުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ)ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފާއި ފެނަކައިގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު އަލީ ވަނީ ރަށްތަކަށް ދޭ ހިދުމަތުގެ އަގު ތަފާތެއް ނެތި އެހިދުމަތް ނުދެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އެއް އަގެއްގައި އެ ހިދުމަތް ދޭނަމަ މިލިއަނުން ގެއްލުން ވާނެކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ ހިދުމަތަށް ނަގާ އަގު ކަނޑައަޅާފައިވަނީ ސަރުކާރާއި ކުންފުންޏާއި ދެމެދު ކޮށްފައިވާ މަޝްވަރާތަކަށްފަހުގައިކަމަށެވެ. އަދި ހިދުމަތުގެ އަގު ކުޑަކުރުމާއި ބޮޑުކުރުމަކީ ކުންފުނިން ނިންމާ ކަންކަން ނޫންކަމަށް ވިދާޅުވިއެވެ.

"މާލެ އާއި ސްޓެލްކޯއިން ހިދުމަތްދޭ އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީ އެއްހަމަ ކޮށްފިނަމަ 35 މިލިއަން ރުފިޔާގެ ގެއްލުން ކުންފުންޏަށް ވާނެ"

ފެނަކައިގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު އަލީވެސް ވަނީ ހިދުމަތުން އަގު ނަގާ ރޭޓު ބަދަލުކުރުމުގެ ބާރު ކުންފުންޏަށް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އަގު ނަގާ ރޭޓު ބަދަލުކުރުމާއިމެދު މިހާތަނަށް ވަކި ގޮތަކަށް މަޝްވަރާކޮށް ނިންމާފައިނުވާކަމަށްވެސް ވިދާޅުވިއެވެ.

"އަތޮޅުތެރެއާއި މާލެއާއި އެއް ރޭޓަކުން ކަރަންގު ހިދުމަތް ދޭނަމަ ފެނަކައަށް އަހަރެއްގެ މައްޗަށް 41.2 މިލިއަން ރުފިޔާގެ ގެއްލުން ވާނެ"

ސްޓެލްކޯއާއި ފެނަކައިން ނަގާ ރޭޓުގެ އަގު ތަފާތުވުމުން ރަށްތަކުގައި އެކި ވިޔަފާރިތައް ހިންގާ ފަރާތްތަކުން އެކަމުގެ ޝަކުވާ ކުރާކަން ޝިޔާން ހުށަހެޅުއްވި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ޝިޔާން ފާހަގަކުރެއްވި ގޮތުގައި 200 ޔުނިޓާއި 300 ޔުނިޓާއި ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރިއެވެ. އެކަމަކު ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި އަންނަނީ 6 ރުފިޔާ ނަގަމުންނެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާ އެވެ.

މި ތަފާތުކުރުންތައް ނައްތާނުލެވޭނަމަ ޓެކްސް ނެގުމުގައި ރަށްރަށުގެ ވިޔަފާރިތަކަށް ލުޔެއް ދިނުމަށް ޝިޔާން ހުށަހެޅުއްވިއެވެ.

 

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *