ކެސިނޯ އަޅަން ތާއީދުނުކުރައްވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އިއްޔެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ކުރެއްވި ސުވާލަށް މިނިސްޓަރ ދެއްވި ޖަވާބާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރ ވިދާޅުވީ އެބޭފުޅާއަކީ ކެސިނޯ އަޅަން ޝައުގުވެރިކަން ހުރި ބޭފުޅެއްވެސް ނޫންކަމަށެވެ.
އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން.އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް.
އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދެން.
— Ahmed Mahloof (@AhmedMahloof) October 5, 2022
މިނިސްޓަރ ވިދާޅުވީ ކެސިނޯ އަޅަން ވަކާލާތުވެސް ނުކުރައްވާކަމަށެވެ. އަދި ކުރައްވާ މަސައްކަތާއި ކެސިނޯ އެޅުމާއި ގުޅުމެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.
އިއްޔެ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ އެކަމަށް ހުއްދަ ދެއްވަނީ އެބޭފުޅާ ނޫންކަމަށް ވިދާޅުވެފައެވެ. އަދި ކެސިނޯގެ ވާހަކަ ފެށިޔަސް، އެނަން ކިޔަސް ގޯސްވާ ހިސާބަށްދާ ކަމަށާއި މުޖުތަމައުގައި މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންކަންކަމަށް ވިދާޅުވިއެވެ.
ރަނގަޅާއި ނުބަޔާއި އެނގޭނީ އޭރުން ކަމަށާއި، މިއަދު ބައެއް މީހުންގެ ވާހަކަތައް އަޑުއަހާފައި އެއީ ކީއްވެ ދައްކާ ވާހަކައެއްތޯ ދަރިންވެސް ސުވާލުކުރާ ކަމަށާއި، އެއަށްދޭނެ ޖަވާބެއް ނޭނގޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
އޭގެ ސަބަބުން ދެފަޅިއަށް މީހުން ބެހި ދެ ފަޅިންވެސް ފެންނަނީ ވަރަށް ބޮޑު ހައްދުފަހަނަ އެޅުމަކަށް ދާން ތަން ކަމަށް މަހުލޫފް ވިދާޅުވިއެވެ.