ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ފޮނުއްވި ޖަވާބުގެ ތެދުދޮގު ބަލައި، ޖަވާބު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމަށް ނިންމައިފިއެވެ.

ހދ. ނޭކުރެންދޫގައި ގާއިމްކުރާ ކަރެކްޝަނަލް ސެންޓަރުގެ މައްސަލާގައި މަކުނުދޫ ދާއިރާގެ މެމްބަރު އަހުމަދު ރާއީ ކުރެއްވި ސުވާލުގައި މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ސާފުކުރުމުގެ އިތުރުން މިކަމާއި ގުޅޭގޮތުން މީގެ ކުރިން އެއްވެސް ފަހަރެއްގައި އިތުރުފުޅު ހައްދަވާފާނެތޯ ވަނީ ސުވާލުކުރައްވާފައެވެ.

މިނިސްޓަރު ލިޔުމުން ފޮނުއްވި ތަފްސީލީ ޖަވާބުގައި މަޝްރޫއު ލަސްވެފައިވަނީ ކީއްވެގެންކަން ވަނީ ވިދާޅުވެދެއްވާފައެވެ. އަދި އުންމީދަކީ މިދައުރުގައި މިމަސައްކަތް ނުނިމުނުކަމުގައިވިޔަސް ދެން އަންނަ ދައުރެއްގައި އެމަސައްކަތް ކުރިއަށް ގެންދިޔުންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދިޔުމަށް އީއައިއޭ ރިޕޯޓް ހެދުމަށް ވޯޓަރ ސޮލިޔުޝަންސްއާއި ހަވާލުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އެމަސައްކަތް ނިންމާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަމަށާއި އެކަމަށް އެލައްކަ ފަންސާސްހާސް ނުވަދިހަ ރުފިޔާ ހޭދަވިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފޮނުއްވި ޖަވާބުން ސެންޓަރު އެޅުމަށް ހުރި ސަރަހައްދުގައި އާންމުންގެ ރުއްގަސް ހުރުމުން، އެއަށް ބަދަލު ދިނުމަށް ނިންމައި ކުރިއަށްގެންދިޔަ މަރުހަލާ ދިގުލައިގެން ދިޔަކަން ވަނީ ހާމަވެފައެވެ. އެގޮތުން، އެކަން އެރުއްގަސްތައް ނެގުމުގެ ގާބިލްކަން ކައުންސިލްގެ ނެތްކަން މިނިސްޓްރީއަށް ކައުންސިލުން އެންގިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހިސާބުން ފެށިގެން ނޭކުރެންދޫ ޖަލު ސަރަހައްދާއި އިންވެގެން އުތުރުން ދެކުނަށް އިންވެގެން އޮންނަ މައި މަގާއި އިރުން ހުޅަނގަށް އޮންނަ ހުރަސް މަގުގެ ކަޑަ ޖަހައި، އެތަނަށް ވަދޭވެނެ ގޮތަށް މަގު ސާފުކޮށްދޭނެ ބަޔަކު ހޯދުމަށް ޖޫން 2021 އިއުލާންކުރިކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އޮގަސްޓް މަހު އަލުން ބިޑަށް ހުޅުވާލިކަމަށް ވިދާޅުވިއެވެ. އެމަސައްކަތް ފިޔުޗަރ ހޯމްސް ކުންފުންޏަށް ހަތަރު މިލިއަން ރުފިޔާއަށް ހަވާލުކުރެވުނުކަމަށްވެސް ވިދާޅުވިއެވެ.

އެސަރަހައްދުގައި ހުރި ރުއްގަސް އެހެން ހިސާބަކަށް ގެންދިޔުމުގެ އިއުތިރާޒެއް ނެތްކަމަށް އީޕީއޭއިން ކޮންޓްރެކްޓަރ، ފިޔުޗަރ ހޯމްސް ކުންފުންޏަށް އެންގީ ޑިސެމްބަރު މަހު ތެރޭގައިކަމަށް ވިދާޅުވިއެވެ. އަދި ޖަލު ސަރަހައްދުގެ މަގުގެ މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީގައިކަމަށް ޖަވާބުގައިވެއެވެ.

"ޖަލުގެ ކޮންސެޕްޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އޮގަސްޓް 2021 ގައި ހުޅުވާލި. މަސައްކަތް ސީ އާކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި، އެހެންނަމަވެސް މުއްދަތު ހަމަވިއިރުވެސް އެއްވެސް ކަމެއްކޮށްފައި ނެތް. އޮކްޓޫބަރު 2021ގައި އަލުން ހުޅުވާލި. އަދި އެމަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި"

އެކި މަރުހަލާތައް ދިގުލައިގެންދިޔަކަމާއި ތާރީހުތައް ހިއްސާކުރައްވާ މިނިސްޓަރ ވަނީ ކޮވިޑާއެކު ދިމާވި މާލީ ގޮންޖެހުންތަކާއެކު ބަޖެޓު ކުޑަ ކުރިކަމަށް ވިދާޅުވެފައެވެ. މިއަހަރުވެސް މިއަންނަ އަހަރުވެސް މިކަމަށް ހުށަހަޅާފައިވާ ބަޖެޓަކީ އަހަރަކަށް 10 މިލިއަން ރުފިޔާކަމަށް ވިދާޅުވިއެވެ.

މިދައުރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބެލެވެނީ ޖަލުގެ ވަށާ ފާރާއި، ކޮންސެޕްޓާއި ތަފްސީލް ކުރެހުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިމަސައްކަތަކީ ޖަލުގެ ޖާގައިގެ ދަތިކަމާއި ޖަލުގެ ހާލަތަށް ބަދަލެއް ގެނައުމަށް ކުރާ މަސައްކަތެއްކަމުން ކުރިއަށް އޮތް ދައުރުގައި މިކަން ކުރިއަށްގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެނގިހުރެ މިކަމުގައި ދޮގު ހަދާފައިނުވާނެކަމަށް މިނިސްޓަރ ވަނީ ޖަވާބު ނިންމަވަމުން ލިޔުއްވާފައެވެ.

މަޖިލީހުގެ އަމީންއާންމު ތަޅުމަށް ޖަވާބު އިއްވައި ނިންމެވުމުން މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަވަބާށް ފާޑު ވިދާޅުވެ، މިއީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ފަދަ ދިގު ވާހަކައެއް ކަމަށް ވިދާޅުވިއެވެ.

މައްސަލަ ހުށަހެޅުއްވި މެމްބަރު އަހުމަދު ރާއީ ނިޒާމީ ނުކުތާއެއް ނަންގަވައި ވަނީ މިކަމުގައި އިތުރުފުޅު ހައްދަވައި ކައުންސިލުން އެދިފައިވަނިކޮށް ސްޓޭޓް މިނިސްޓަރު އަހުމަދު ނަޒީރުގެ ކުންފުންޏަކަށް 4 މިލިއަން ރުފިޔާއަށް އެމަސައްކަތް ހަވާލުކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި މިހާތަނަށް އައިއިރު ކައުންސިލްގެ ފަރާތުން މިނިސްޓްރީއަށް އެއްބާރުލުން ދެމުން ގެންދިޔަކަމަށް ވިދާޅުވިއެވެ. އެކަންވެސް ކުރިއަށް ނުދާއިރު، މިމަޝްރޫއާއި ގުޅިގެން ރުއްގަހުން ލިބެމުންދިޔަ އާމްދަނީވެސް ރައްޔިތުންނަށް ނުލިބޭކަމަށް ވިދާޅުވިއެވެ.

"ޖަވާބުގައި އެވަނީ ރޯ ބުހުތާނު ދޮގު. އަޅުގަނޑަށް އެކަން ވަރަށް ސާފު"

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ނިޒާމީ ނުކުތާއެއް ނަންގަވައި މެމްބަރު ރާއީގެ ސުވާލުގައި އިތުރުފުޅު ހައްދަވާފައި ވާނެތޯ ސުވާލުކުރައްވާފައިވާތީ އެކަން މަޖިލީހުން ބަލަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ޖަވާބުގައި އެކި ވުޒާރާތަކާއި ގުޅުންހުރި ވާހަކަތައް ބަޔާންކޮށްފައިވާތީ އެކަން ބަލަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މެމްބަރު އެކަން ފާހަގަކުރެއްވުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ސިޓީގެ ޖަވާބު ދިރާސާކުރުމަށް ނިންމަވާފައެވެ. އަދި އެޖަވާބު އާންމު ކޮމިޓީއަށް ފޮނުއްވުމަށް ރައީސް ނަޝީދު ނިންމެވިއެވެ.

މީގެކުރިންވެސް އެކި ފަހަރު މަތިން ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރުގެ މަސައްކަތާއި ގުޅިގެން މަޖިލީހުގައިވެސް މިނިސްޓަރާއި ވަނީ ސުވާލުކޮށްފައެވެ. ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރަކީ ސަރުކާރުން ވެފައިވާ ބޮޑު ވައުދަކަށްވާއިރުވެސް، އެމަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާކަމަށް ބުނެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *