ފިންލެންޑް ސްކޫލްގެ މުދައްރިސުންނާއި ދަރިވަރުންތަކެއް

ތައުލީމީ ކޮންމެ އިންގިލާބެއްގެ ފަހަތުގައި ތިބީ މުދައްރިސުންކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން މިނިސްޓަރ ދެއްވި ހިތާބުގައި މިނިސްޓަރ ވަނީ މުދައްރިސުން އެކަން ކަށަވަރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ކޮވިޑުގެ ތެރޭގައި އުނގެނުން ހުއްޓައިލަން ޖެހިދާނެކަމުގެ ބިރުވެރިކަން ކުރިމަތިވިއިރު، ކްލާހުގެ ހަތަރުފާރުން ބޭރުން ގެެތެރެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަހަރުގެ ޝިއާރުގެ ގޮތުގައި ޔުނެސްކޯއިން "ތަޢުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" ޔާރުކޮށްފައިވަނީ ކޮވިޑުގެ ދަތި ހާލަތުގައި މުދައްރިސުންވީ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން"

މިނިސްޓަރުގެ ވާހަކަފުޅުގައި ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ބަޔަކީ މުދައްރިސުންކަމަށް ވިދާޅުވިއެވެ. އަތޮޅުވެރީންނަށް ހިއްޕެވޭނީ ވަލުގައޭ، ބާރުލާނީ ރައްޔިތުންނޭ ބުނާ ބީދައިން ގައުމު ގެންދަން ބޭނުންވާ މިސްރާބު، އަމާޒުކުރާ ބަޔަކީ މުދައްރިސުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައިވާއިރު މުދައްރިސުން ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫންކަމާއި މުދައްރިސުންގެ ސުލޫކާއި، ދަރިވަރުންނާއި މުޖުތަމައުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުޢާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ މީހުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން ނަމޫނާ ދެއްކެވުމަށް މިނިސްޓަރު ވަނީ މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވަނީ ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިޙްތިރާމްކުރުމާއި އިގްތިސާދު ކުރުންފަދަ މަކާރިމުލްއަޚްލާގުގެ އުޅުންތަކުން ފޭރާންލުމަށް މުދައްރިސުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެކަން ފާހަގަކުރައްވައި މުދައްރިސުން ދައްކާ ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން، ފަހުން ނުފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހަލުވި ދުވެއްޔެއްގައި ދުނިޔެ ތަރައްގީވަމުންދާއިރު ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އިހުގައި ޗޯކާއި ބޯޑުން ފުދުނުކަމުގައިވިޔަސް މިއަދު ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރުކަމަށް ވިދާޅުވިއެވެ. އަދި އިހުގައި ކިލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައިވިއަސް މިއަދު ދަރިވަރުން އުޅެމުންދަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައިކަމުން، ދަރިވަރުންގެ ސަމާލުކަން ހޯދުމަށް ތަފާތު ކުލަތައް އަރައިފައިބަމުންދާ ސްކިރީންތަކާއި މުދައްރިސުން ވާދަކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *