ސައިބަރ ކްރައިމްތަކާއި ދެކޮޅަށް ގާނޫނުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
"ސައިބަރ ސެކިއުޓީ އެވެއަރނަސް މަންތް 2022"ގެ ހަރަކާތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުންމީދަކީ، ނޭޝަނަލް ސައިބަރ ސެކިއުރިޓީގެ ޤާނޫނާއި، ޕްރައިވެސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ޤާނޫނާއި، އަދި ސައިބަރ ކްރައިމްގެ ޤާނޫނުތައް ވީއެންމެ އަވަސް ފުރުސަތެއްގަ މަޖިލީހަށް ހުށަހެޅުންކަމަށެވެ. ރައްކާތެރި ސައިބަރ ވެއްޓެށް ގާއިމްކުރެވެނީ ގާނޫނީ ފްރޭމްވޯކެއް ގާއިމްކޮށްގެންކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މިކަމުގައި ޤައުމީ ސަލާމަތީ ބާރުތަކާއި، އިޖްތިމާއީ އަދި އިގްތިސާދީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، މުހިންމު އިންފްރާސްޓަރަކްޗާ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން، ސިއްހީ އަދި ތައުލީމީ ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެންގެ ރައްކާތެރިކަމަށް އަދި ވައިބްރަންޓް ޑިޖިޓަލް އިޤްތިސާދަކަށްޓަކައި މިއަދު މިމަސައްކަތް ކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއަދު އިފްތިތާހުކުރި ޕްރޮގްރާމަކީ އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެޅޭ މުހިންމު ބިންގަލެއްކަމަށް ވިދާޅުވިއެވެ.
"ގައުމީ ސައިބަރ ސެކިއުރިޓީ އޭޖެންސީއެއް ޤާއިމްކުރެވި، މި އެޖެންސީގެ ބެލުމުގެ ދަށުން ސައިބަރ ސެކިއުރިޓީ އިންސިޑެންޓްތަކަށް ރެސްޕޮންޑް ކުރާނެ ޓީމަކާ، ޤައުމީ ފެންވަރެއްގަ ދުރާލާ ސައިބަރ ސެކިއުރިޓީގެ އިންސިޑެންޓްތަކުން ރައްކާތެރި ކުރުމާ، ސައިބަރވެށީގެ ރައްކާތެރިކަން ބަލަހައްޓާ ސެކއިރިޓީ އޮޕަރޭޝަން ސެންޓަރެއް ގާއިމްވާން ޖެހޭ. އަދި ހަމަ އެހެންމެ، މިދެންނެވި އިދާރީ އޮނިގަނޑުގެ ތެރޭން ޒުވާނުންނާ ކުޑަކުދިން، އިންޓަރނެޓްގައި ރައްކާތެރި ކުރުމަށް އިސްނަގައިގެން، މިކަމަށް ޙާއްސަކޮށްގެން މަސްއްކަތްކުރާ ޓީމެއްވެސް ޤާއިމްކުރަން މިއަދުވަނީ މަޖުބޫރުވެފައި"
މީގެ އިތުރުން ނޭޝަނަލް ސައިބަރ ސެކިއުރިޓީގެ ގާނޫނު ވެގެންދާނީ އިދާރީ އޮނިގަނޑެއް ޤާއިމްކޮށް، އޮނިގަނޑަށް ބޭނުންވާ ވަސީލަތްތަކާ މުވައްޒަފުން ދެމެހެއްޓިނިވި ގޮތެއްގަ ބިނާކުރެވޭފަދަ ޤާނޫނަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކިއެކި ދާއިރާތަކުގައި، އަދި ވަކިވަކި މުއައްސަސާތަކުގައިވެސް، ސައިބަރ ސެކިއުރިޓީގެ ވަސީލަތްތައް ގާއިމްކޮށް، ކޮންމެ މުއައްސަސާއަކީ އަދި ފަރުދަކީ، ރައްކާތެރި ސައިބަރ ވެއްޓަކަށް މަގުފަހިކޮށްދޭ ފަރާތަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022" ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓަރ ވިދާޅުވީ ޒާތީ މައުލޫމާތަކީ ޑިޖިޓަލް ވެށީގަވެސް ރައްކާތެރިކަން ލިބިފަވާ އެއްޗަކަށް ހަދައި، ޕްރައިވެސީ އަގުކުރާ މުޖްތަމައަކަށް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން ޕްރައިވެސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ގާނޫނެއް ވުޖޫދުކޮށް، ހައްގުތައް ކަށަވަރުކޮށް، އެމައުލޫމާތު ބޭނުންކުރެވޭނެ ގޮތްތަކާއި، ރައްކާކުރެވޭނެ މިންގަނޑުތަކާއި، އެމައުލޫމާތުގެ ސައްހަކަން ކަށާވަރުކުރުމާއި، މައުލޫމާތު ނައްތާލުމާއި، އެއްފަރާތުން އަނެއްފަރާތައް މައުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތައް ކަށަވަރުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ސައިބަރ ވެށީގަ މުއާމަލާތުކުރާނެ ގޮތްތަކާއި ކުރަން ރަނގަޅު ނޫންކަންކަން ފާހަގަކޮށް، ސައިބަރ ކުށަކީ ކޮބައިކަން ކަނޑައަޅަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބައިނަލް އަޤްވާމީ މިންގަޑުތަކަށް ރިއާޔަތްކޮށް، ސައިބަރ ކްރައިމްގެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.