ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަހްރައިން އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސްގެ މިދަތުރުފުޅަކީ ބަހުރައިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް ޚަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަހުރެއިންނަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅު ފައްޓަވާނީ މާދަމާ ކަމަށެވެ. އަދި ހަތަރު ދުވަހުގެ އެ ދަތުރުފުޅު ނިންމަވާލައްވާނީ މި ހަފްތާގެ ހޮނިހިރު ދުވަހު ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
މި ދަތުރުގައި ރައީސް ސޯލިހާ އެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ބަހްރައިން އަކީ ރާއްޖޭގެ ތަރައްގީގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އަދި ރާއްޖެއާ ވަރަށް ގާތްގުޅުންތަކެއް އަބަދުވެސް ބާއްވާ ގައުމެކެވެ.