ކުރިއަށް އޮތް 50 އަހަރަކީ ފަތުރުވެރިކަމުގައި އުޖާލާ އަހަރުތަކަކަށް ވާނެކަމަށް ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ގާލާ އީވްނިން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާ ކާމިޔާބުވެގެން ދިޔައީ ޖުމްލަކޮށް ހުރިހާ ދިވެހިންގެ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.
އެގޮތުން 2021 ވަނަ އަހަރު ސީއެންއެންގައި ދިވެހިރާއްޖެއަކީ އެންމެ ކާމިޔާބު "ޓުއަރިޒްމް ސްޓޯރީ"ގެ ގޮތުގައި ޝާއިއުކޮށްފައިވުމަކީ ލިބޭ ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ކާމިޔާބު ސިނާއަތެކޭ ޓުއަރިޒްމް މިނިސްޓަރު ބުނުމަކީ ބަލައިގަންނަން ފަސޭހަކަމަކަށް ނުވިޔަސް ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގެ ގައުމުތަކުން ބަލައިގަންނަކަމަށާއި އެއީ ކާމިޔާބީގެ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ކުރިއަށް އޮތް ފަންސާސް އަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޖާލާ އަހަރުތަކަކަށް ވާނެކަން ފާހަގަކުރައްވައި ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ވަރުގަދަ ޕްރޮޑަކްޓަކަށް ހަދައި، ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމިއޮތުމަށް މަސައްކަތްކުރުމަށް ޒުވާނުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖެ އޮތީ "ފިޔުޗަރ ޓުއަރިޒްމް"އަށް ތައްޔާރުވެފައިކަމަށްވެސް ވިދާޅުވިއެވެ.
"ކޮވިޑްގެ ހާލަތުގައި ބޯޑަރު ހުޅުވާލުމަށް ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް. ރާއްޖެގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް މީގެ ކުރިން ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނާއި ސޯޝަލް މީޑިޔާވެގެންދިޔައީ ވަރަށް ބޮޑު އެހީއަކަށް"
މީގެ އިތުރުން އިމިގްރޭޝަންގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ބޯޑަރމައިލްސް ލޯޔަލްޓީ ޕްރޮގްރާމަށް މިނިސްޓަރ ވަނީ ތައުރީފް ކުރައްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިލައްވާގޮތަށް ޒަމާންވީ ދިވެހިންގެ މެހެމާންދާރީ އަދާކުރުން ދެމެހެއްޓުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ރައީސް ދެއްވާ އަހަންމިއްޔަތުކަމަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.