ފަތުރުވެރިކަމަކީ އަހަރުތަކެއް ކުރިން ރާއްޖެއަށް އަލަށް ތައާރަފްކުރި ސިނާއަތެއް ކަމަށާއި ޒުވާނުން ވިސްނަންވީ އެފަދައިން އާ އީޖާދުތައް ތައާރަފްކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރުނބާ ވިލެޖުގައި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ގާލާ އީވްނިން ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އާ އީޖާދުތައް ތައާރަފްކުރުމަށް މަސައްކަތްކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. އަދި މުޅި ގައުމަށް އެކަމުގެ ބޭނުން ހިފޭނެފަދަ ކަމެއް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ގާލާ އީވްނިންގެ ތެރެއިން
ރައީސް ވިދާޅުވީ ބަޔަކު ހިޔާލަށް ނުގެންނަ ފަދަ ކަންކަން ނުވަތަ ރާއްޖޭގައި ފެންނަން ނެތް ކަންތައް ކުރެވިދާނެކަން ފަތުރުވެރިކަމުގެ ދާއިރާއިން ބުނެދީފައިވާ ކަމަށެވެ. ބޭނުންވަނީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި އެމްޔޫ އުމަރު މުހައްމަދު މަނިކު އަދި ޗަމްޕާ ހުސެއިން އަފީފް މެންފަދަ ކެތްތެރި ހިތްވަރުގަދަ ޒުވާނުންތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އެފަދަ ކިތަންމެ ޒުވާނުންނެއް އެބަތިބި. ބޭނުންވަނީ ހާސިލްކުރާ އިލްމުގެ އަލީގައި އިޖާދީ އުފެއްދުންތެރިކަން އިސްކުރާނެ ޒުވާނުންތަކެއް"
ރައީސް ވާހަކަފުޅުގައި އިގްތިސާދީގޮތުން އާދެވިފައިމިވާ އައްސޭރިއަށް އާދެވިފައި މިވަނީ އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުންކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިނާއަތް ކުރިއެރުވުމަށް ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރުން ޒާތީގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ކުރިއަރައި ދިޔަ ގޮތަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ ފަތުރުވެރިކަން މިފަދައިން ކުރިއަރައި ދިޔައީ ޕްރައިވެޓް ސެކްޓަރުން މިސިނާއަތް ކުރިއެރުވުމަށް ދޫކޮށްލުމުންކަމަށް ވިދާޅުވެފައެވެ. ޕްރައިވެޓް ސެކްޓަރުން ތަރައްގީކުރާ ކަންކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވުމުގެ ކަންކަން މިކަމުން ހާމަވާކަމަށް ވިދާޅުވިއެވެ.
"ސަރުކާރުން ކުރަންޖެހޭ ކަމަކީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއި ގާނޫނީ އޮނިގަނޑު ކަނޑައެޅުން"
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ގާސިމް އިބްރާހިމާއި ރައީސް މުހައްމަދު ނަޝީދު ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ގާސިމް އިންވެސްޓްކުރައްވަން ފެއްޓެވުމުން ދާއިރާ ކުރިއަރައި ދިޔަކަމަށާއި ރައީސް ނަޝީދު ވެރިކަމުގައި ގެސްޓް ހައުސް ތައާރަފްކުރި ކުރުން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އެންމެ ލަގްޒަރީ ޕްރޮޑަކްޓަކަށް ހެދުމަށްޓަކައި ބޭރުގެ ފަރާތްތަކާއި ދިވެހިން ކުރެއްވި މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސީދާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އިތުރުން ޑައިވިން ސެންޓަރުތައް، ޓްރެވެލް އެޖެންޓުން، އެއާލައިންތައް، އެކި ފަންނުވެރިން، އާކިޓެކްޗަރ، ކޮންސްޓްރަކްޝަން އިމިގްރޭޝަން، އެމްއެމްޕީއާރްސީ އަދި އެމްބަސީތަކާއި ޑިޕްލޮމެޓިކް ކޮމިޔުނިޓީން ކުރަމުންދާ މަސައްކަތް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.