ޚަބަރުރިޕޯޓް

ގައުމީ ފަތުރުވެރިކަމުގެ ދުވަސް: ދިވެހިންގެ އަތްމަތިން ބީވިޔަ ނުދީ!

ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މި ކުޑަ ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ. ފަތުރުވެރިކަމުގެ ރޭހުގައި އެއްވަނައެވެ.

މީގެ 50 އަހަރު ކުރިން "ކުރުނބާ ވިލެޖް"ގެ ނަމުގައި، ރާއްޖޭގެ ފުރަތަމަ ރިޒޯޓް ހުޅުވީ  1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ބައިގަރުނު ކުރިން ދަނޑިފަނުން ގެ އަޅައިގެން އުޅުނު ދިވެހިންނާއި އެ ރާއްޖެ ދެކެން މުޅި ދުނިޔެއިން ބަޔަކު އައިސްދާނެ ކަމަށްވެސް އޭރު ގިނަބަޔަކު ގަބޫލެއް ނުކުރާނެއެވެ.

އެއީ މާޒީއެވެ. މިއަދު ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ފަތުރުވެރިކަމާއި އަޅުގަނޑުމެން ގުޅިލާމެހިފައިވާ މަންޒަރެވެ. ފަތުރުވެރިކަމުން ނަފާ ހޯދާ އާއިލާތަކެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ބަދައަކަށްވެސް އެ ފަތުރުވެރިން ވެއްޖެއެވެ.

ދުނިޔޭގެ މަޝްހޫރު މީހުންނާއި އެންމެ އާދައިގެ މީހުންވެސް ދެކިލަން އެ އަންނަނީ ރާއްޖެއަށް ގުދުރަތުން ދެއްވާފައިވާ ހިތްގައިމު ކަމާއި ޗާލު ކަނޑު ފަޅާއި މޫދެވެ. ދިވެހިންގެ އިސްތިގުބާލުކުރުމާއި ރާއްޖޭގެ މުއްސަނދި ސަގާފަތާއި ސާފުތާހިރުކަމަށް އެ ފަތުރުވެރިން ތައުރީފު ކުރެއެވެ.

އެހެންނަމަވެސް މިއަދު ހިތާމައަކީ މި ސިނާއަތުވެސް ބިދޭސީންގެ އަތްމަށްޗަށް ދޫވާ މަންޒަރު ފެންނާތީ އެވެ. ވަޒީފާގެ ބާޒާރުގައި ބަސްކިޔާ އުޅުނު ދިވެހިން ފަހަތަށް ޖައްސާލުމަށްފަހު ކުރިއަށް އެ އަރަނީ ބިދޭސީންނެވެ. ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތައް މެނޭޖުކުރުމުގެ އެންމެ އިސް ފަރާތަކަށް ތިބެނީ ބިދޭސީން ކަމުގެ ޝަކުވާ ކުރެވެއެވެ. ދިވެހި މުވައްޒަފުންނަށް ދެރޮ ގޮތްގޮތް މެނޭޖްމެންޓުން ހަދާކަމުގެ ޝަކުވާތައް ބޮޑުވި ދުވަސްވަރެއްވެސް ދިޔައެވެ.

ފަތުރުވެރިންގެ މެދުގައިވާ "ދުނިޔެމަތީ ސުވަރުގެ" އިން ދިވެހިންނަށް ބަސް ކިއުމުގެ ފުރުސަތު ހަނިވިޔަދީގެން ނުވާނެއެވެ. ފަތުރުވެރިކަމުގައި ނަފާވެސް އެންމެ ބޮޑަށް ކުރަންވާނީ ދިވެހިންނަށްކަމަށް ގަބޫލު ކުރެވެއެވެ. އެކި ކަރަކަރައިގެ މީހުންވެސް ޝާމިލްކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރުވިދާނެ އެވެ. އެހެންނަމަވެސް ދިވެހިންނަށް އޮތް އިސްކަން ކުޑަވެގެން ނުވާނެއެވެ.

ފަތުރުވެރިކަމުގެ ފަންނުގައި ދިވެހިން ކިޔަވާ ކިޔެވުންތަކާއި ހާސިލުކުރާ ތަމްރީނުތަކުގެ ފައިދާ މި ސިޔާއަތަށް އެންމެ އެދެވޭ ގޮތެއްގައި ލިބިދިނުމަށް އެ ފަރާތްތަކަށްވެސް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް އޮންނަންވާނެއެވެ.

ރާއްޖޭގެ އުތުރު ބިތުން ފެށިގެން ދެކުނާއި ހަމައަށް ފަތުރުވެރިކަމުގެ ސާލު ފަތުރާލަން ސަރުކާރުން ކުރާ މަސައްކަތުގައި ދިވެހިންނަށް އޭގެ ފުރިހަމަ މަންފާ ކުރާނީ ޒިންމާދާރު ޒުވާނުންތަކެއް ތަމްރީނު ކުރެވިގެންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިޔަށް ގެންދިއުމުގެ ހުނަރާއި ގާބިލުކަން އެ ޒުވާނުންގެ ކިބައިގައި ހުރެގެންނެވެ. ޖޯޝު ހުރި ހަރުދަނާ ޒުވާން ޖީލެއްގެ ވިސްނުން އިސް ނުކޮށްފިނަމަ މި ސިނާއަތަށް ބޭރުން ފޯރާ އަތްތައް ގިނަވާނެއެވެ.

ބައިގަރުނުވީ މި ދިގު ތާރީހުގައި ރާއްޖޭއިން ހޯދި ރީތި ނަން ދެމެހެއްޓުމަށް، ރާއްޖެއަކީ އަމާން މަންޒިލެއްގެ ގޮތުގައި ބާއްވަން ޖެހެއެވެ. ޖެހިލުމެއް ނެތި މީހުން ވަގަށް ނެގުމާއި، ރަހީނުކުރުމާއި، މީހުން މެރުމާއި ވައްކަމާއި  ފޭރުމާއި މާރާމާރީ އާއި މަސްތުވާތަކެތި ފަދަ ރާއްޖޭގެ ނަމުގައި ޖައްސާފައި އެވާ ލައްތަށް ފޮހެލަން ޖެހެއެވެ.  ފަތުރުވެރިންނަށް ރާއްޖެ އަކީ ހަމަ ހަގީގަތުގައިވެސް ދުނިޔެމަތީގެ ސުވަރުގެ އެއް ކަމަށް  ދެން ގަބޫލުކުރެވެނީ އޭރުންނެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %