ހެލްތް މިނިސްޓަރ ނަސީމު - ފޮޓޯ: ރާއްޖެއެމްވީ

ހިތާމައަކީ ތަރައްޤީކުރުމުގެ ނަމުގައި އާސާރީ ތަންތަން ހަލާކުކުރުން ކަމަށް, ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރެއްވި އެއް ފަރާތްކަމުގައިވާ މިހާރުގެ ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން މިއަދު ގެނެސްދިން ޓޫރިޒަމް ދުވަހުގެ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ނަސީމު ވިދާޅުވީ ޓުއަރިޒަމަކީ އަބަދުވެސް ޑައިވާސިފައި ކުރަން ޖެހޭ އެއްޗެއް  ކަމަށާއި ހަމައެކަނި ގޮނޑުދޮށްތަކާއި މުރަކަތައް ދެއްކުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ މާޒީއާއި އާސާރުތައް ދެއްކިދާނެ ކަމަށެވެ.

އެހެންނަމަވެސް ފަތުރުވެރިކަން ފެށިއިރު އެފަދަ ތަންތަން ހަލާކުކޮށްފި ކަމަށާއި، ދެންވެސް ހުރި އެއްޗެހި ރައްކާ ކުރަންވީ ކަމަށް ނަސީމް ވިދާޅުވިއެވެ.

800 އެތަށް އަހަރެއް ވަންދެން މާލޭގައި ހުރި އާސާރީ ތަންތަން ތަޅާލީ ކަމަށާއި، އޭރުގައި ހުންނަ ވެރިއަކަށް ފެންނަ ގޮތަކަށް އެފަދަ ކަންކަން ކުރެވިގެން ނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަސީމު ވިދާޅުވިއެވެ.

އެއީ ދިވެހި ރައްޔިތުންގެ ތަރިކައެއް. އަޅުގަނޑުމެންނަކީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް އިނގެނީ މާޒީން. އެހެންވީމަ އެމާޒީ ހުންނަން ޖެހޭނެ. އޭރުން އަޅުގަނޑުމެންނަށް އެޕްރިޝިއޭޓް ކުރެވޭނީ އަޅުގަނޑުމެން މީ ކޮންތާކުން އައި ބައެއްކަން، ކީއްކުރި ބައެއްކަން، ކިހިނެތްކަން އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެން ދިފާއުކޮށްފަ ހުރީ. މިހުރިހާ އެއްޗެއް ހަލާކުވެގެން ދިޔައީމަ ދެން ނެތެންނުންތޯ ފަހްރުވެރިވާނެ އެއްޗެއް. މާލެއަކީ ހާދަރީތި ތަނެކޭ ކުރިން އެކަހަލަ އާސާރީ ތަންތަން ހާދަގިނަ ތަނެކޭ."

ކާބަފައިން މި ރާއްޖެ ހިމާޔަތް ކުރިގޮތް އެނގެން ޖެހޭ ކަމަށާއި، ދިވެހިންނަކީ މުޅިން އެހެން ބަޔަކަށް ވާން އުޅުމުން އެއްވެސް ތާނުންތާކު ނުޖެހޭނެ ކަމަށްވެސް ނަސީމު ވިދާޅުވިއެވެ. 

ނަސީމު ވިދާޅުވީ އެއިރަކު އޮންނަ ސަރުކާރަކަށް ރާއްޖޭގައި ހުންނަ އާސާރުތައް ހަލާކު ނުކުރެވޭ ގޮތަށް ގާނޫނުތައް ހެދެން ޖެހޭ ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތް ކުރާއިރު ޕްލާސްޓިކް ފުޅިފަދަ ތަކެތި މޫދަށް އުކުމަކީވެސް ވަރަށް ދެރަކަމެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމު ވިދާޅުވީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް 'ކުރުނބާ' ހުޅުވި އިރުވެސް ތިމާވެއްޓަށް ވަރަށް ބޮޑަށް ބެއްލެވި ކަމަށާއި، މުރަކަތައް ހަލާކު ނުވާ ގޮތަށް ދަތުރު ކުރެވޭނެ މަގެއް ހަދާ އެރިސޯޓުގެ ބޭރުން މަސް ހިފުން މަނާކުރި ކަމަށެވެ.

އެއީ ރެސްޕޯންސިޕަލް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހެދުނު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން މިހާރު ވަރަށް ގިނަ ރިސޯޓްތައް އެބަ ހަދާ ހިއްކައިގެން. މި ހިއްކައިގެން ރަށްރަށް ހެދީމަ އޭގެ ގެއްލުންތަކެއްވެސް ހުންނާނެ. އެކަމަކު އެންވަޔަރމެންޓް ޕްރޮޓެކްޝަންގެ ކަންތައްތަކަށް އިތުރު ސަމާލުކަމެއް ބަހައްޓައިގެން ހިއްކުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ދެކެނީ."

މީހުންގެ އަހުލާގު ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭކަމަށާއި، ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެއީ ކުރަން ނުވާ ވަރު ކަމެއް ކަމަށް އަމިއްލައަށް އިހްސާސްވެގެން ނޫނީ މޫދަށް ޕްލާސްޓިކް ފުޅިފަދަ ތަކެތި އެޅުން ނުހުއްޓޭނެ ކަމަށް ނަސީމު ވިދާޅުވިއެވެ.

"މިވާ ގޮތަކީ ކުރީގައި އަޅުގަނޑުމެން ނުގެންގުޅެން ޕްލާސްޓިކެއް، މުޅިންވެސް ގެންގުޅެނީ ބަޔޯ ޑީގްރޭޑަބަލް އެއްޗެހި  އެހެންވީމަ ގޮނޑޭ ކިޔަނީ ރަށްރަށުގައި، ގޮނޑަށް އެއްޗެހި އުކާލަނީ، އެ އެއްޗެހި  އަމިއްލައަށް ހަލާކުވާނީ، އޭގެ ބަދަލުގައި މިހާރު މި އުކަނީ ޕްލާސްޓިކް ގޮނޑިއާ ޕްލާސްޓިކް ފުޅި. އެ ވީރާނާ ވެގެންދާތަނެއް ނާދެ. މީޑިއާއިންނާއި ތަންތަނުން އެވެއާނެސް ކްރިއޭޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް"

ޒުވާނުންނާއި ހުރިހާ މީހުންވެސް މިކަމަށް ހޭލުތެރިކުރުވައިގެން ނޫނީ މޫދަށް ޕްލާސްޓިކް އެޅުމުގެ މައްސަލަ ހައްލު ނުވާނެ ކަމަށް ނަސީމު ވިދާޅުވިއެވެ.

މޫދަށް ޕްލާސްޓިކު އެޅުމުން މައިކްރޯ ޕްލާސްޓިކަށްވެ އޭގެ ގެއްލުން ވަރަށް ބޮޑު ކަމަށް ފާހަގަ ކުރައްވާ ނަސީމު ވިދާޅުވީ މީޑިއާތަކުންނާއި ސަރުކާރުންވެސް މިކަމަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން ވަރަށް މުހިންމު ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *