ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކާ ކުރިއަށް ގެންދާ މަޝްވަރާތައް ފަށައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ޖޭއެސްސީ އެކުލެވިގެންވާގޮތް އިސްލާހުކުރުމަށް ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު، ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ބައްދަލުކޮށްފައިވާކަމަށެވެ.
އޭޖީ އޮފީހުން ބުނީ ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކޮށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނު އެކުލަވާލުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގެ ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތައް އޭޖީ އޮފީހުން އެކުލަވާލާ މިބިލްގައި ހިމެނޭނެކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 3ވަނަ ދައުރުގެ ތެރޭގައި މިބިލް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތް މުރާޖަޢާކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވަޢުދެވެ.