މިހާރު މަސައްކަތް ކުރިޔަށްދާ ރިސޯޓުތައް ހުޅުވުމުން ރާއްޖޭގެ ރިސޯޓްތަކުގެ ޢަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ ކަމަށާއި އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ އެތައް ފުރުޞަތެއް ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށެވެ.

އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ 1100 އަށްވުރެ ގިނަ ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ 186 ރަށުގައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވިތާ މާދަމާއަށް 50 އަހަރު ފުރޭއިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިސޯޓާއި އެކު ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ރަށްތައް ލައިގެން މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދާއި އެއްވަރު ވާނެ ކަމަށެވެ.

ރައީސް ވިދާޅުވި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، ފަތުރުވެރިކަން ފުޅާވެގެންދާއިރު، އެކަމުގެ ޙަޤީޤީ މަންފާ ލިބޭނީ، ތަޢުލީމީ ދިވެހި ޒުވާނުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ފަންނީ ދާއިރާތަކުން މީހުން އުފައްދައިގެން ކަމަށެވެ.

ރައިސް ވިދާޅުވީ ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަޤާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި، ތިމާވެށި ޙިމާޔަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖެއިން 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތަށް ރިސޯޓްތަކުގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ފަތުރުވެރިކަން އަލަށް ތަރައްޤީކުރާ ރަށްތަކުގައިވެސް، އިޢާދަކުރަނިވި ހަކަތައަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، ރިސޯޓް އޯނަރުންނަށާއި އިންވެސްޓަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން މި އަންނަނީ ކުރަމުން. އެ މަސައްކަތުގައި މި އިންޑަސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން."

ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީއާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ޤައުމީ ވާޖިބެއް. އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުޤުވެރިވާ ސިފަތައް އެގޮތުގައި ދެމެހެއްޓިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަޒީރާތަކަށް ފަތުރުވެރިން ޝައުޤުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީއާއި، މި ރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން. އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުންވެސް ސަމާލުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން."

ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް އައި ކުއްލި ބަދަލާއި، ރާއްޖޭގެ ތަރައްޤީގައި ފަތުރުވެރިކަން އަދާކުރާ ދައުރަށް ބަލާއިރު، 50 އަހަރުވެގެން ދިޔައިރު، ފަތުރުވެރިކަމުގެ ޤައުމީ ދުވަހެއް ފާހަގަނުކޮށް މިއޮތް ސަބަބު މާޒީއަށް ދޫކޮށްލަންވީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި 50 އަހަރު ފަހުން ވިޔަށް އެކަން ކުރަނ ފެށުމަކީ ހެޔޮފާލެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، މި ޞިނާޢަތުގެ ހުރިހާ ފަންތިއަކާއި، ހުރިހާ ގިންތިއެއްގެ ބޭފުޅުން އެއްތަން ކުރައްވައި، އެ ބޭފުޅުންގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމަށާއި، މަޓީގެ ޗެއަރމަން އެމް.ޔޫ. މަނިކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މިރޭ ޝުކުރު ދަންނަވަން.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމަށް، އެމް.އެމް.ޕީ.އާރް.ސީ. އިން ކުރަމުން އަންނަ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަން ކަމަށް ރައީސް ވިދާޅުވިއެވެ

އަދި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި އަދި މި ޞިނާޢަތުގެ އެކިއެކި އެސޯސިއޭޝަންތަކާއި، ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއި، އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ބޭފުޅުން ޝުކުރު އަދާކުރެއްވިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ދައުލަތުގެ އިސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބާނީންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *