ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރުވެސް ތަރައްޤީ ނުކުރެވި އޮތް އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެއީ، ދުރު ރާސްތާގެ ރޭވުމެއްނެތި، ދޫކޮށްފައި ހުރި ތަންތަން ކަމަށެވެ.

ޚާއްޞަކޮށް، އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް. އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ."

އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ކުރަމުންދާ ކަމަށާއި، ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް، އޭ.ސީ.ސީ. އިން އަންނަނީ ތަޙުޤީޤު ކުރަމުން ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

17 ނޮވެންބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި، 471 ގެސްޓްހައުސް ހުޅުވައިފައިވާކަމަށާއި، އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ސީދާ އެ ތަންތަނުންވެސް އެތައް ހާސް ވަޒީފާއެއް އުފެދޭނެކަމާމެދު ޝައްކެއްނެތް. އަދި އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުންހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާނެ."

ރައީސް ވިދާޅުވީ އަލަށް ހަދާ ރިސޯޓްތައް ތަރައްޤީ ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްޤީއަށްޓަކައި ކުރަން ރާވާފައި ހުރި އެތައް ކަމެއް ކޮވިޑް19 ގެ ސަބަބުން މަޑުޖައްސާލަން ޖެހުނު ކަމަށާއި، ކޮވިޑުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ރާއްޖޭގެ ރިސޯޓްތަކަށް ކަމަށެވެ.

އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް، މި އަހަރު ކުރީކޮޅު ފެށުނު ޔޫކްރޭން ހަނގުރާމައަށް 7 މަސް ވެގެންދިޔައިރު، މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންއަރައިފިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެ ހަނގުރާމައިގެ ނުސީދާ ގެއްލުންތައް ދަނީ ލިބެމުން. ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކަށްވެސް ހީނަރުކަން ވެރިވެއްޖެ.އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމަށް ރިސޯޓްތަކުންނާއި އިންވެސްޓަރުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ."

ގޮންޖެހުންތައް ގިނަ ނަމަވެސް، މި ޞިނާޢަތުގެ ކުރިއެރުމަށްޓަކައި ރިސޯޓް އޯނަރުންނާއި އިންވެސްޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ކުރައްވާ ގިނަ ގުނަ މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *