ކިތަންމެ އެވޯޑެއް ދިނަސް މިދިޔަ 50 އަހަރުގެ ތެރޭގައި އެކި ރޮނގު ރޮނގުން ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތް ކުރެއްވި ބޭފުޅުން އެ ކުރެއްވި ބުރަ މަސައްކަތުގެ ހަގީގީ އަގު ވަޒަން ކުރެވުނީ ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ހާއްސަކޮށް ރާއްޖޭގައި އެއްގޮތަކަށްވެސް ނެތް މުޅިން އާ ސިނާއަތެއް ރާއްޖޭގައި އުފަން ކުރެއްވި ބޭފުޅުން އެކަމަށްޓަކައި އުފުއްލެވި ތަކްލީފާއި ގިރާކުރެއްވި ހުރަސްތައް ހިޔާލަށްވެސް ނުގެނެވޭނެ ކަމަށެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ތިން ބޭފުޅުންނަކީ މިހާރުގެ ހެތްލް މިނިސްޓަރ އަހުމަދު  ނަސީމާއި، މުހައްމަދު އުމަރު އަދި ޗަންޕާ ހުސެއިން އަފީފް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެބޭފުޅުން އެކަން ފެއްޓެވި ދުވަސްވަރު ރާއްޖެއަކީ ދުނިޔެއަށް މަޝްހޫރު ތަނެއް ނޫންކަމަށެވެ.

އެބޭފުޅުން އެކަން ފެއްޓެވި އިރު ހިންދު އެ މާ ކަނޑު ތެރޭ، މަލަ ފެހި ރުއްގަސް ހެދޭ މި ޖަޒީރާތަކަކީ، ދުނިޔޭގައި މާބޮޑަށް މަޝްހޫރު ތަނެއް ނޫން. ދުނިޔެ ވަށައި ދަތުރުކުރި ސައްޔާޙުންނާއި މުއައްރިޚުންގެ ފޮތްތަކުގައި، މެހުމާނުންނަށް ކަމޭހިތާ، ހިތްހެޔޮ ބަޔަކު ދިރިއުޅޭ ރަށްތަކެއްގެ ވާހަކަ ލިޔެފައި އޮތް. ދުނިޔޭގެ އަރުޝީފުތަކުގައިވެސް އަދި ކުތުބުޚާނާތަކުގައިވެސް، ދިވެހިންނާ ބެހޭ، އެ ނޫން މާގިނަ ވާހަކަތަކެއް އެއިރަކު ނެތް"

ދިވެހި ފަތުރުވެރިކަން، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑަކަށް ވެގެންދިޔައީ، އެ ބޭފުޅުންގެ އިތުރުންވެސް، ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށާއި އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ކަނޑު ބޮޑު، ބިން ކުޑަ ޤައުމެއް ނަމަވެސް ދިވެހި ފަތުރުވެރިކަން، ދުނިޔޭގެ ދެ މުރިނގަށް ފެތުރި، ހަމައިސްކޮޅަށް ދެމިލި އިރު ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޮޓެލް ޗެއިންތަކުގެ ރިސޯޓްތައް މިހާރު ރާއްޖޭގައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ އަގު ބޮޑު ކޮޓަރިތައް އެބަހުރި. އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް އެބަ ދެވޭ. ބައިނަލްއަޤްވާމީ އެވޯޑަކަށްފަހު އެވޯޑެއް، ދިވެހި ރިސޯޓްތަކުން އެބަ ހޯދާ."

ރައީސް ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ބާޒާރަށް އަބަދުވެސް ހުޅުވިފައި އޮތް މަންޒިލެއް ކަމަށެވެ.

އަދި ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުޞަތުތައް ރާއްޖޭގައި ގިނަ ކަމަށާއި، ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ މީހުން އަދިވެސް އެބަތިބި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *