ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް، މި ޞިނާޢަތު ސިންދަފާތު ކުރުން ކަމަށާއި ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކޮށް ދާއިރާގައި މަސައކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް މިރޭ ބޭއްވި ހަފްލާގައެވެ.

"މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ގެސްޓްހައުސްތައް އެބަ ހިންގާ. އިތުރު ރަށްރަށުގައިވެސް އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް އެ އަންނަނީ ތައްޔާރުވަމުން. އެހެން ނަމަވެސް، އެވަރަކުން އަދި ނުފުދޭ. ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު"

 

ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމީ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ކަމަށް ފާހަގަކުރައްވާ ވިދާޅުވީ، މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީ މިހާރު އެ އަންނަނީ ލޯމައްޗަށް ފާޅުވަމުން ކަމަށެވެ.

ހަނިމާދޫ އެއަރޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް އެބަ ގެނެވޭ ކަމަށާއި، އައްޑޫ ގަން އެއަރޕޯޓުގެ ފެންވަރު އެ އަންނަނީ މަތިކުރަމުން ދާ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި ހުވަދުއަތޮޅަށްވެސް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރައްވާ ކަމަށާއި އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވައިގެ ބަނދަރުތައް ތަރައްޤީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށްވުރެ މާ ފަހި ފުރުޞަތުތަކެއް ހުޅުވިފައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭރުން ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާނެ ހަމަ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، 3 ޔޮޓް މެރީނާއާއި، 13 ޓޫރިސްޓް ހޮޓަލާއި، 721 ގެސްޓްހައުސް ހިންގަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން، ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި، 147 ޓޫރިސްޓް އުޅަނދާއި، 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ގެންދާ ކަމަށާއި، އެއީ އެނދުގެ ޢަދަދަށް ބަލާއިރު އެއީ 57436 އެނދު ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއ ފާހަގަ ކުރަން ނިންމީ މީގެ 50 އަހަރު ކުރިން މާލެއަތޮޅު ވިހިމަނާފުށީގައި ކުރުނބާ ރިސޯޓް ހުޅުވި ދުވަހާއި ގުޅުވައިގެންނެވެ. މިއީ މި ދުވަސް ފާހަގަ ކުރާ ފުރަތަމަ އަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *