ޓެކްސް ކްލިއަރެންސް ރިޕޯޓް މީރާގެ އޮންލައިން ޕޯޓަލް މީރާ ކަނެކްޓް މެދުވެރިކޮށް ބޭނުން ވަގުތަކު ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މިއަދު މީރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިހިދުމަތުގެ ސަބަބުން، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހާއި މީރާއަށް ބަލައިގަންނަ ޓެކުހަށް ނުވާ ފައިސާ ދައްކާފައިވާކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދޫރުކާ ކްލިއަރެންސް ރިޕޯޓު ހޯދުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވި ޓެކްސް ދައްކާ ފަރާތްތަކަށް މިވަރަށް ބޮޑު ލުއި ފަސޭހަކަން އަންނާނެ ލިބިގެންދާނެ ކަމަށެވެ.
އަދި ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަ ނުކުރެވިވާ އިލްތިޒާމެއް ވާނަމަ އެ އިލްތިޒާމެއް މީރާ ކަނެކްޓް ނުވަތަ ވާރުޕޭ މެދުވެރިކޮށް ފުރިހަމަ ކުރުމަށްފަހު، ޓެކްސް ކްލިއަރެންސް ރިޕޯޓް ނެގޭނެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖެހިފަ ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނީ މީރާ ކަނެކްޓް މެދުވެރިކޮށް މި ހިދުމަތް ތައާރަފް ކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓެކްސް ކްލިއަރެންސް ރިޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.
ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކަ ފަރާތުން އެ ރިޕޯޓް ނަގާ ތާރީހުގެ ނިޔަލަށް ޓެކުހާއި ގުޅޭގޮތުން އަދާކުރަންޖެހިފައިވާ އިލްތިޒާމް ތަކާއި، ޓެކުހަށް ނުވާ ފައިސާގެ ތެރެއިން ޓެކްސް ކްލިއަރެންސް ރިޕޯޓްގައި ބަޔާންކޮށްފައިވާ ފައިސާގެ ބާވަތްތަކާއި ގުޅޭ ގޮތުން ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހިފައިވާ ފައިސާއަށް ބަލާ އެ އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ނުވަތަ ނުވާކަން އަންގައިދޭ ރިޕޯޓެވެ.
އެ ރިޕޯޓް ދިނުމުގައި ހަމަ އެކަނި ރިއާޔަތް ކުރަނީ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ފައިސާއަށް ކަމުން، އެރިޕޯޓް ލިބުމަކީ އެ ފަރާތުން މީރާއަށް ދައްކަންޖެހޭ އިތުރު އެއްވެސް ފައިސާއެއް ނެތްކަމުގެ ލިޔުމެއް ނޫން ކަމަަށް މީރާއި ބުނެއެވެ.
އަދި އެ ރިޕޯޓްގައި ބަޔާންކޮށްފައި ނުވާ ފައިސާގެ ބާވަތެއް މީރާއަށް ދައްކަން ޖެހިފައިވަާ ނަމަ އެފައިސާއެއް ދެއްކުމަކީ އެ ފަރަާތުގެ ޒިންމާއެއް ކަމަށް މީރާއިން ބުނެއެވެ.