އިންޑިއާއިން ރާއްޖެއަށް ދިނުމަށް ނިންމި 100 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ފޯރުކޮށްދޭ 100 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑްއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށެވެ. އަދި މި އެއްބަސްވުމަކީ، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަމާއި، ޢާންމު ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި އިންޑިއާ ސަރުކާރުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ އެއްބަސްވުމެއްކަމަށެވެ.

އިންޑިއާއިން ލައިން އޮފް ކްރެޑިޓްގެ ތެރެއިން އިތުރު 100 މިލިއަން ޑޮލަރު ރާއްޖެއަށް ދޭން ނިންމާފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *