މާލެ ސަރަހައްދުގައި ބޯހިމެނުމުގެ މަސައްކަތަށް މައުލޫމާތު ބޭނުންވާ އެކަމަކު އަދިވެސް މައުލޫމާތު ނުލިބޭ 900 އަށް ވުރެ ގިނަ ތަންތަން އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ.
އެމްބީއެސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މިހާރު ނިންމާލާފައިވާ ކަމަށެވެ. އެހެންނަމަވެސް މައުލޫމާތު ނުލިބޭ ގިނަތަންތަން އެބަހުރި ކަމަށާ އެމަލޫމާތުތައް ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްބީއެސްއިން އިން ބުނީ މައުލޫމާތު ނުލިބޭ ތަންތަނުން މީހުންނާ ގުޅޭގޮތް ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައެއް ތަންތަނުން މައުލޫމާތު ނުލިބިވަނީ ތަޅުލާފައި ހުރުމުންނާއި، މައުލޫމާތު ދެވޭ ވަރުގެ މީހަކާ ދިމާނުވުމާއި، ރަށުން ބޭރުގައިވުމާއި، އެނިއުމަރޭޓަރުން ދީފައިވާ އެޕޮއިންޓްމަންޓަށް އެމީހުންނަށް ނުދެވުމުގެ ސަބަބުންނެވެ.
އެހެންކަމުން އަދި މިހާތަނަށް ބޯހިމެނިފައި ނުވާ ތަންތަނާއި ލޭބާ ކުއާޓަ އަދި ރަޖިސްޓާ ކޮށްގެން ހިންގާ އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުން އަދި ބޭނުންކުރާ ތަންތަންވެސް ވީވަރަކުން ފާހަގަކޮށްދެއްވާ މިބިއުރޯއަށް އަންގަވާލަ ދެއްވަމުން ގެންދިއުމަށް އާންމުންގެ ކިބައިން މިބިއުރޯ އިން އެދެމެވެ.،"
މިހާތަނަށް ބޯހިމެނިފައިނުވާ މީހުންނާއި ތަންތަނުން އެބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400 އަށް އެންގެވުމަށް އެދޭކަމަށް އެ ބިއުރޯއިން ވަނީ ބުނެފައެވެ.
ބޯހިމެނުމުގެ މަސައްކަތް މާލެ ސަރަހައްދުގައި އަދިވެސް ނިންމާލެވިފައި ނުވާތީ ވަގުތީ ނަތީޖާ އިއުލާންކުރާ ދުވަސް މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ކުރިން ވަގުތީ ނަތީޖާ އިއުލާންކުރުމަށް ނިންމާފައި އޮތީ މިމަހުގެ ހަވަނަ ދުވަހު އެވެ.
ތަފާސްހިސާބުގެ ގައުމީ އިދާރާ އިން ބުނީ ބޯހިމެނުމުގެ ދާއިމީ ނަތީޖާ ކުރިންވެސް ނިންމާފައިވާ ގޮތަށް މިމަހުގެ 20 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށެވެ.