އިިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށް ގެންދާ މާލީ އެހީގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ކޮވިޑް-19އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކަށް 60،000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް އެހީގެ ގޮތުގަިއ ދިނުމަށް ހަމަޖެހިފައިވާއިރު އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުން ލާޒިމުކޮށްފައިވެ އެވެ.
މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތަށް ހުޅުވާލާއިރު މީގެ ތެރެއިން 40 އިންސައްތަ ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.
މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
އެހީގެ ޕްރޮގްރާމަށް ކުރިމަތިލެވޭނީ މިމަހުގެ 31 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ