ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މިޑިއާ އާއި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަ ކުރަން ލާޒިމު ކުރާ މާއްދާ އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް‬ ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އޭޖީ އޮފީހުން ހާމަކުރި ގޮތުގައި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ ބިލުގައި ހެއްކާބެހޭ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ނޫސްވެރިންގެ ކަން ބޮޑުވުން އޮތް ގާނޫނުގެ 136 ވަނަ މާއްދާގެ އިސްލާހުތައް ހިމެނޭ ކަމަށެވެ. އެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަ ކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާން ކޮށްފައިވާ ގާއުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަ ކޮށްދިނުން ހިމެނެ އެވެ.

އަދި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަ ކުރަން ލާޒިމު ކުރެވޭނީ ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ވެސް ހިމަނާފައި ވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *