ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި ސްކޫލްތަކާއި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅު ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 9 މިލިއަން ޑޮލަރު ނުވަތަ 139 މިލިއަން ދިވެހި ރުފިޔާގެ އެހީ ދިނުމަށް ނިންމައިފިއެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ހާއްސަކޮށް އަސާސީ ތައުލީމު އަދި ސާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖޭގެ އާންމު ތައުލީމީ ނިޒާމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފުޅާވެ، ހަމަހަމަ ގޮތެއްގައި ގައުމުގެ އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރައިގެންދާނެކަމަށް ޒާވޮސް ވިދާޅުވިއެވެ.

އަލަށް މި ފަށާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެއެވެ.

ގްރޭޑް 4 އަދި ގްރޭޑް 7ގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް 50 އާއި 60 ޕަސެންޓާ ދެމެދުގެ މިންވަރެއްގައިކަމަށް ވޯލްޑު ބޭންކުން ހާމަކުރެއެވެ.

މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ހަރަދުކުރުމަށް ނިންމާފައިވާ 1 މިލިއަން ޑޮލަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *