އަލަމްގީރްގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާތައް ސާބިތުވެ 2 އަހަރާއި 9 މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ އަލަމްގީރަށް އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއެއް ވަނީ ކޮށްފައެވެ. އެދައުވާތައް އޭނާގެ މައްޗަށް ސާބިތުވެފައިވާއިރު އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމުގެ މަގުންނެވެ. އޭނާ ވަނީ ދައުވާތަކަށް އިއުތިރާފްވެސް ވެފައެވެ.
އަލަމްގީރްގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގކަމުގެ ކުށް ސާބިތުވެ 7 މަހުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒްކުރަމުންނެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އަބްދުއްރަހީމް ރާފިއު (ދޮންދިގު)ގެ މައްޗަށްވެސް އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށް ވަނީ ސާބިތުވެފައެވެ. ކުށުގެ އަދަބެއްގެ ގޮތުން އަބްދުއްރަހީމް ރާފިއު އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ނާޒިމަށް ދީފައިވާ އަދަބަކީ 4 މަސް ދުވަހު ގޭބަންދުގައި ހުރުމެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓުވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދައުރުވެފައިވާއިރު، ވީޑިއޯތައް ލީކްކޮށް ބްލެކްމެއިލްކޮށްގެން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ ތިން މީހަކުވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ، 37 އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24 އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ، 41 އެވެ.