ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުމަކީ އެރަށު ރައްޔިތުންގެ ޒަމާންވީ އުއްމީދެއް ކަމަށާއި މިއަދު އެކަން ދަނީ ހަގީގަތަކަށް ވަމުން ކަމުގައި ޕްލޭނިން މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ އަހުމަދު މުހައްމަދު (ތުއްތޫ) ވިދާޅުވެއްޖެއެވެ.
އަހުމަދު މުހައްމަދު މިހެން ވިދާޅުވީ ފުވައްމުލަކު 'އަފުން ނިއުސް' އިން ގެނެސްދިން އަފުންވެށި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި މަގުތަކާއި ގުޅޭ ގޮތުން އަހުމަދު މުހައްމަދު ވިދާޅުވީ މަހު ހެދުމުގެ މަޝްރޫއުގެ އެކި މަރުހަލާތައް ކަޑައްތުކޮށް މިވަގުތު ކުރިއަށް ދަނީ ތާރުއެޅުމުގެ މަސައްކަތް ކަމަށެވެ.
ފުވައްމުލަކު ދަޑިމަގު އަވަށު ނެރެގަނޑުން ފިނިވާމަގުގައި ފެށި ތާރު އެޅުން މިހާރު ވަނީ އެ ރަށު 'ހެރަހަ މަގޮ' އާއި ހަމައަށް ގޮސްފައެވެ. މިވަގުތަށް ތާރު އެޅިފައި ވަނީ ތާރު އަޅައިގެން ހަދަން ނިންމާފައިވާ 31 މަގުގެ ތެރެއިން 2 މަގުގައެވެ. އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި މިހާރުގެ ޝެޑިއުލް އާއި އެއް ގޮތަށް ދާ ނަމަ އަންނަ ޖެނުއަރީ މަހަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާ އެއީ އެތެރޭގެ މަގު ހެދުމުގެ މަސައްކަތުގެ ފުރަތަމަ ފޭސް ކަމަށެވެ.
ފުވައްމުލަކު އެތެރޭގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢު:
- 31 މަގު ހެދުން
- 15.932 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްޤީ ކުރުން
- ރަށު އެތެރޭގެ 122،659 ސްކުއާ މީޓަރުގެ ސަރަހައްދުގެ ސަބް ބޭސް ލޭޔާ ހެދުން
- 95،239 ސްކުއާ މީޓަރުގެ ތާރު އެޅުން
- ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުން
- މަގުތަކުގައި ބައްތި ހަރުކުރުން
- ފެން ހިންދާ ނިޒާމު ގާއިމް ކުރުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުވައްމުލަކަށް މިއަހަރު ތެރޭގައި ކުރެއްވި ދަތުރުފުޅުގައި ވަނީ ފުވައްމުލަކު އެތެރޭގެ މަގު ހެދުމުގެ ދެވަނަ ފޭސްގެ ދަށުން އިތުރަށް 10 ކިލޯމީޓަރުގެ މަގު ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިންވެސް މި ސަރުކާރުން ވަނީ ފުވައްމުލަކު ރިންގް ރޯޑުގެ 2.7 ކިލޯމީޓަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ހަދާ ނިންމާފައެވެ.