ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަކީ ވައުދެއް ވެވަޑައިގެންފިނަމަ އެވައުދެއް ފުއްދަން ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އެމްޑީޕީ ފުވައްމުލައް ސިޓީ މެދު ދާއިރާ ރައީސް ހުޝާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހުޝާމް މިހެން ވިދާޅުވީ ފުވައްމުލަކު 'އަފުން ނިއުސް' އިން ގެނެސްދިން އަފުންވެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ހުޝާމް ވިދާޅުވީ ރައީސް ސޯލިހު ފާހަގަކުރެވެނީ ވައުދެއް ވެވަޑައިގެންފިނަމަ އެވައުދެއް ފުއްދަން ބުރަކޮށް މަސައްކަތް ކުރައްވާ ރައީސެއްގެ ގޮތުގައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ހުޝާމް ވިދާޅުވީ ކުރީ ސަރުކާތުތަކުން ކަންކަން ނުކޮށްދީ އޮތުމަކީ އެކަމެއް ކުރުމުގެ އިހްލާސްތެރިކަން އެސަރުކާރުތަކުގައި ނެތުން ކަމަށާއި، ކުރީ ސަރުކާރުތަކަށް އޮތީ ކަންކަން ނުކުރެވިފައި ކަމަށެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަފާތަކީ ކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވެއްޖެ ނަމަ އެކަން ކޮށްދޭން މަސައްކަތްތައް ކުރުން ކަމަށާއި އަދި ރައީސް ސޯލިހް ކަންކަން ކޮށްދީ ދައްކަމުންދާ ކަމަށެވެ.

އެގޮތުން ހުޝާމް ވަނީ މި ސަރުކާރުން މިހާތަނަށް ފުވައްމުލަކުގެ ތައުލީމީ ދާއިރާ އަށް ގެނެސްދިން ކުރިއެރުންތަކަށް އަލިއަޅުވާފައެވެ. ފުވައްމުލަކުގައި މި ސަރުކާރުން އެޅި އެމްޖޭއެސް ސްކޫލްގެ މަލްޓި ޕާޕަސް ހޯލަކީ ކުރީ ސަރުކާރުން ކޮށްދޭން ވައުދުވެފައިވާ ކަމެއް ކަމަށް ބުނެ ބަޔަކު ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ ހުޝާމް ވިދާޅުވީ ވައުދެއްވާ ބައެއްގެ އިހްލާސްތެރިކަމެއް އޮތް ނަމަ އެ ހޯލު އޮންނާނީ މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ނިމިފައި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން އެ ސްކޫލްގެ ހޯލުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހު ބަޖެޓުގައި ހިމަނުއްވައިގެން އެ ހޯލުގެ މަސައްކަތް ފަށައި ނިންމެވީމަ އެބަ އެނގޭ ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދިނުމުގެ އިހްލާސްތެރި ނިޔަތެއް އޮވެގެން އެކަމެއް އެބަ ކޮށްދެއްވާ އަދި ވައުދުތައް ފުއްދަވަމުން ގެންދަވާކަން"

ހުޝާމް އިތުރަށް ވިދާޅުވި ގޮތުގައި ހއ. ތުރާކުނުން ފެށިގެން އައްޑޫ އާއި ދެމެދުގައިވާ ކުޑަ ރަށެއް ބޮޑު ރަށެއް އަދި އާބާދީ އަކަށް ބެލުމެއް ނެތި މި ސަރުކާރުން ދަނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ފުވައްމުލަކުގައި ވެސް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށް ހުޝާމް ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކުގެ ސްކޫލްތަކަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލު އެޅުމާއި، ގުރުއާނާއި ބެހޭ މަރުކަޒެއް އިމާރާތް ކުރުމާއި، ރައްޔިތުންގެ އެދުމަށް މިސްކިތްތައް ބިނާ ކުރުމުގެ އިތުރުން ޒުވާނުންނަށްޓަކައި ޓާރފް ފުޓުބޯޅަ ދަނޑުތައް ހަދާދީފައިވާ ކަން ހުޝާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ވަޒީފާގެ ފުރުސަތު އުފެއްދުމަށްޓަކައި މި ސަރުކާރުން ވަނީ ޓްރޭޑްނެޓްގެ ނަމުގައި މުޅިން އާ ކުންފުންޏެއް އުފައްދައި ފުވައްމުލަކު ގިނަ އަދަދެއްގެ ޒުވާނުން ހިމަނައިގެން އެ ކުންފުނީގެ އޮފީސް ފުވައްމުލަކުގައި ގާއިމްކޮށްފައި ކަމަށާއި އޭގެ އިތުރުން އެޗްޑީސީގެ ކޯލް ސެންޓަރެއް ވެސް ވަނީ ފުވައްމުލަކުގައި ގާއިމްކުރެވި ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މޯލްޑިވިއަންގެ ކޯލް ސެންޓަރެއް ފުވައްމުލަކުގައި ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ފުވައްމުލަކުގެ ސްކޫލްތަކަށް ސަރުކާރުން ގެންނަމުންދާ ކުރިއެރުންތައް ވެސް ހުޝާމް ވަނީ ފާހަގަކުރައްވާފައެވެ.

ފުވައްމުލަކު ސްކޫލްތައް ތަރައްގީކުރުމުގެ މަސައްކަތް:
  • އެމް.ޖޭ.އެސް ސްކޫލްގައި ބޮޑު މަލްޓި ޕާޕަސް ހޯލެއް އިމާރާތްކޮށް ނިމި މިހާރު ދަނީ ބޭނުން ކުރަމުން
  • އެމް.ޖޭ.އެސް ސްކޫލްގައި 16 ކްލާސްރޫމް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް
  • އެމް.ޖޭ.އެސް ސްކޫލްގައި ކޮމްޕިއުޓާރ ލެބެއް ވެސް ހަދަމުންދޭ
  • ހާފިޒު އަހުމަދު ސްކޫލްގައި 16 ކްލާސްރޫމްގެ 3 ބުރި އިމާރާތުގެ މަސައްކަތް ދަނީ ކުރިއަށް
  • ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ޓެންޑަރ ކުރެވިފައި
  • ފުވައްމުލައް ސްކޫލްގައި އަޅަމުންދާ ބޮޑު މަލްޓި ޕާޕަސް ހޯލުގެ މަސައްކަތުގެ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު ނިމި މިއަހަރު ނިމުމުގެ ކުރިން އެތަން ބޭނުން ކުރެވޭނެ
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *