ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރިޔަށް ގެންދާ ޕީއެސްއަޕީ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިޢްވާން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި، އެއީ ޕިއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިޢްވާން ވަނީ، އެކި ދާއިރާތަކުން ހިންގިފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކާއި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ. މިގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރުހެދުމާ، ގޮނޑުދޮށް ޙިމާޔަތްކުރުމާ، މަގުހެދުމާ، ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް މިޢްވާން ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.

މީގެ އިތުރުން ފާއިތުވެ ދިޔަ ހަފްތާގެ މުހިއްމު ކަންކަމަށާއި އަދި ކުރިޔަށް އޮތް ހަފްތާއަށް ރޭވިފައިވާ މުހިއްމު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، ކައުންސިލްތަކާ، އ.ތ.މ ކޮމިޓީތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި، ރަށްރަށުގެ މެދުގައި ތަފާތު ކުރުމެއް ނެތި އެރަށްރަށުގެ ތަރައްޤީއަށް މިސަރުކާރުން ގިނަ ކަންތައްތަކެއްކޮށްދެއްވާފައިވާ ކަން ކައުންސިލްތަކުން ފާހަގަކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ. މިޢްވާން ވިދާޅުވީ، މީގެ ކުރިން ކައުންސިލް ބައްދަލުވުންތަކުގައިވެސް ކައުންސިލްތަކުން އެންމެ ބޮޑަށް ފާހަގަކުރައްވަމުން އައީ އަސާސީ ޚިދުމަތްތައް ނުލިބުން ކަމުގައި ވީނަމަވެސް، މިސަރުކާރުން ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކު އެޙާލަތު ބަދަލުވެފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާގެ މުހިއްމު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުމާ ގުޅިގެން ބާއްވާ އެކި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމާއި، އެގޮތުން ފަތުރުވެރިކަމުގެ އެޕްރިސިއޭޝަން ނައިޓްގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވާކަމުގައި މިޢްވާން ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *