ޖެންޑާ މިނިސްޓަރ އާއިޝާ (މ) އިންޑިއާ ސަފީރު އަދި ހެލްތް މިނިސްޓަރގެ އަރިހުގައި - ފޮޓޯ:ހެލްތް މިނިސްޓްރީ

އިންޑިއާއާއި ދިވެހިރާއްޖޭއާއި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރނަީ އަޑީގައި އެއްވެސް ނުބައި ރޭވުމެއް އޮވެގެން ނޫން ކަމަށް މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު  މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި ގާއިމުކޮށްފައިވާ އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމަށް އިއްޔެ އެރަށުގައި އޮތް ރަސްމިއްޔާތުގައެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ބަދަހި ކުރަނީ ނުބައި ރޭވުމެއް ނުވަތަ ނުބައި ވިސްނުމެއް އެކަމުގެ އަޑީގައި އޮވެގެން ނޫން ކަމަށާއި، ގުޅުން ބަދަހި ކުރަނީ އެއްބަނޑު އެއްބަފާ ޖެހިގެން އޮތް ގައުމެއްގެ ގޮތަށް ބަލައިގެން ކަމަށެވެ.

ރާއްޖެ ހިމެނޭ އިންޑިއާ ކަނޑަކީ ވަރަށް ނާޒުކު ކަނޑެއް ކަމަށާއި އެކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އޮންނަނީ އިންޑިއާ އަދި ރާއްޖެއާވެސް ވަރަށް ބޮޑަށް ގުޅިފަ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އިންޑިއާއިން އެހީ ދިނުމުގެ ގުޅުމަކީ މުޅިން ތަފާތު ގުޅުމެއް ކަމަށާއި، އެ ގުޅުމުގެ ތެރެއިން އިޖްތިމާއީ ގުޅުން ތަރައްޤީ ކުރުމާއި ސިފައިންނާ ފުލުހުންގެ ހިދުމަތުގެ ތަރައްޤީއަށް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ދާއިރާތަކުން މީހުން ބިނާކުރުމަށް އިންޑިއާއިން ދޭ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތަކަށް އިންޑިއާއިން އަންނަނީ އެކި ގޮތްގޮތުން އެހީވަމުންނެވެ. މީގެ ތެރޭގައި ލޯނު އެހީގައި ކުރިޔަށް ގެންދާ މަޝްރޫއުތައްވެސް ހިމެނެއެވެ.  އިންޑިއާ އާއި ރާއްޖެއިން ގާތް ގުޅުމެއް ބާއްވާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ސަރުކާރާ ވާދަވެރި އެންމެ ބޮޑު ޕާޓީ ޕީޕީއެމް/ޕީއެންސީ އަޑުއުފުލަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި އަވަސް ފަރުވާދޭ ޔުނިޓެއް ގާއިމުކުރީވެސް އިންޑިއާގެ އެހީގައެވެ. އެގޮތުން އެ ޔުނިޓްގާއިމުކުރުމަށް ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާ ހަރަދުކުރިއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *