ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް-- ފޮޓޯ: ސަންއެމްވީ

ކޯވިޑް 19 ގެ ބަލިމަޑުކަމާއި، ސަރަހައްދީ އަދި ދުނިޔޭގެ ޖިއޮޕޮލިޓިކަލް އިންސްޓޭބިލިޓީއާއި އޭގެ ފަހުން އިގްތިސާދީ ބަދަލުތަކަށް ކުރާ އަސަރުތަކުގެ ސަބަބުން ޓޫރިޒަމަށް ބަރޯސާވާ ގައުމުތަކަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑް އޮފް ގަވަރުނަރުންގެ 55 ވަނަ އަހަރީ ބައްދަލުވުން 2022 "ރީއިމޭޖިނިންގ ޓޫރިޒަމް: ކަމިންގ ބޭކް ފްރޮމް ދަ ބްރިންކް" ގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ޓޫރިޒަމަކީ ކުދި ގިނަ ޖަޒީރާ ދައުލަތްތަކަށް ބޮޑު ސިނާއަތެއް ކަމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަމަށް ދިމާވާ ދަތިތަކަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކަށް އަސަރުކުރާ ކަމެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީއާއި ރައްޔިތުންގެ ދިރިއުޅުން ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް. އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ސީދާ ޖީޑީޕީއަށް %47 އަށްވުރެ ގިނަ އަދި ސަރުކާރަށް ލިބޭ އާމްދަނީގެ %46 އަށްވުރެ ގިނަ ޙިއްޞާ ކުރާ ސިނާޢަތެއް"

ރާއްޖެއަކީ ވަރަށް ބޮޑަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށް ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ  ރާއްޖެއަށް ބޭރު ފައިސާގެ އާމްދަނީ ލިބޭ އެންމެ  ބޮޑު ވަސީލަތަކީ ޓޫރިޒަމް ކަމަށެވެ.

މީގެ މާނައަކީ ކިތަންމެ ކުޑަ އަސަރެއް ކުރިޔަސް، އޭގެ އަސަރު ދިވެހިރާއްޖެއަށް ކުރާނެއޭ. އެހެންކަމުން ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ"

ކޮވިޑާއި ގުޅިގެން 27 މާރޗް 2020 ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރިކަން ފާހަގަ ކުރައްވާ ޑރ. މައުސޫމް ވިދާޅުވީ ބައިނަލްއަޤްވާމީ ބޯޑަރުތައް ބަންދުކުރިތާ އެންމެ 15 ހަފްތާ ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 15 ޖުލައި 2020 ގައި ނިންމެވި ނިންމެވުމަކީ ހިކުމަތްތެރި ނިންމެވުމެއް ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ދުނިޔޭގައި ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން، ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ޓޫރިޒަމް އަލުން ކޮޅަށް ޖެހުނީ ތަންކޮޅެއް ލަހުން ކަމަށާއި ނަމަވެސް ސަރުކާރުން ނިންމާފައި އޮތީ އޭރު އޮތް ހާލަތާއި އެކު ޓޫރިޒަމް ކުރިއަށް ގެންދިއުމަށް މޮޑެލްއެއް އެކުލަވާލުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭރު މުޅި ދުނިޔެއަށް ރައީސް ސޯލިހު ދެއްވި މެސެޖަކީ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާ، ރާއްޖޭގެ ކަންކޮޅު ތަކަށް ދަތުރުކުރުމުގައި އުނދަގޫތަކެއް ނެތި އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދޮރު ހުޅުވިފައި އޮތް ކަމުގެ މެސެޖް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *