ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް މި ސަރުކާރުން ފެއްޓެވި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީގެ ޚިދުމަތުގެ ސަބަބުން އެންމެބޮޑު ހެޔޮ ބަދަލެއް ފެނިގެންދާނެ އެއް ދާއިރާއަކީ، ޞިއްޙީ ދާއިރާ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބ. ދަރަވަންދޫގައި ސިއްހީ މަރުކަޒުގައި ގާއިމުކުރި އަވަސް ފަރުވާދޭ ޔުނިޓް ހިދުމަތް ފެއްޓެވުމުގެ ގޮތުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އަމިއްލައަށް ދަތުރު އިންތިޒާމް ކޮށްގެން ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑެތި ހޭދަކުރަންޖެހޭތީ، އާއްމުކޮށް ހޯދަންޖެހޭ ފަރުވާ ނުހޯދި ލަސްވެ، ބަލި ޙާލަތު ބޮޑުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އާރްޓީއެލް ފެރީ ޚިދުމަތް ތަޢާރަފް ކުރުމުން ކައިރި ހިސާބުތަކުން ފަސޭހަ އަދި ހަރަދު ކުޑަކޮށް ޞިއްޙީ ޚިދުމަތް ހޯދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާ ސަފީރާއި ޖެންޑާ މިނިސްޓަރ ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް ހުޅުއްވާ ދެއްވަނީ
ބ. ދަރަވަންދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެރަށު ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
ބ.ދަރަވުންދޫ ޞިއްޙީ މަރުކަޒުގައި ޤާއިމުކުރެވި މިއަދު ހުޅުވިގެންދާ އަވަސް ފަރުވާދޭ ޔުނިޓަކީ، "ސްޓްރެޓެޖިކް" ތަނެއްގައި ޤާއިމު ކުރެވޭ މުހިއްމު ޚިދުމަތެއް ކަމުގައި ހެލްތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އިމަރޖެންސީކޮށް، ޞިއްޙީ ޚިދުމަތުގެ އެހެނިހެން މަރުކަޒަށް ވައިގެމަގުން ގެންދިއުމަށް، މި ބަނދަރަށް ގެނެވޭމީހާ، ފްލައިޓަށް އެރުވެންދެން ބާއްވާފަ އޮންނަ ވަގުތަކީ މި ދެންނެވިފަދަ ނާޒުކު ވަގުތެއް. ވީމާ މި ހުރިހާ ގޮތަކުން ބެލިނަމަވެސް، މި ޚިދުމަތަކީ، މިތާނގައި ކޮންމެހެންވެސް ޤާއިމު ކުރަންޖެހޭ، "ސްޓްރެޓެޖިކް" އަދި "ކްރިޓިކަލް" ޚިދުމަތެއް."
މިގޮތުން ދަރަވަންދޫ ޞިއްޙީ މަރުކަޒަކީ އެސަރަހައްދުގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކުން އާއްމުކޮށް ޚިދުމަތް ހޯދާތަނަކަށް ވެފައި، އަވަސްފަރުވާގެ ޒަމާނީ ވަޞީލަތެއް ޤާއިމުވެފައިވުމަކީ، އެރަށާއި އެސަރަހައްދުގެ ރައްޔިތުންގެ އިތުރުން، އެސަރަހައްދަށް ޒިޔާރަތްކުރާ ފަތުވެރިންނަށްވެސް، ހިތްހަމަޖެހުން ލިބޭނެ ހިދުމަތެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އަދި އެފަދަ ފަރާތްތަކަށް ދިމާވެދާނެ ކުއްލި ޙާލަތްތަކުގައި އެކަށީގެންވާ އަވަސްފަރުވާގެ ޚިދުމަތް ގާތުންލިބިގެންދާނެ ތަނެއްކަމުގައި ދަރަވަންދޫ ސިއްހީ މަރުކަޒު ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބ.ދަރަވަންދޫ ޞިއްޙިމަރުކަޒުގައި ޤާއިމުކުރި އަވަސްފަރުވާދޭ ޔުނިޓަކީ، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ޤާއިމުކުރެވިފައި ޔުނިޓެކެވެ. އިންޑިއާ ސަރުކާރުން މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދިވެހި ސަރުކާރުން މި ޕްރޮޖެކްޓަށް ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 3 މިލިއަން ރުފިޔާއެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ މިޔުނިޓް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރައްވާފަ އެވެ.