އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ މިއަދުގެ ޖަލްސާގައި

ޓީޗިން ލައިސަންސް ތައާރަފްކުރުމާއެކު ޓިޔުޝަން ދެވޭނެ ވަގުތުތަކާއިމެދު ގަވާއިދުތަކެއް ކަނޑައެޅޭނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރު ސްކޫލެއްގައި މަސައްކަތްކުރާ ޓީޗަރަކު ޓިޔުޝަން ދީގެން މަހަކު 90،000 އަށްވުރެ ގިނަ ރުފިޔާ ހޯދަމުންދާކަން ފާހަގަކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިވަގުތު ޓިޔުޝަން ދެވޭނެ ވަގުތުތަކާއިމެދު އުސޫލެއް އަދި ނެތްކަމަށެވެ. އެހެންނަމަވެސް ޓީޗިން ލައިސަންސް ތައާރަފްކުރުމާއެކު އެކަމަށްވެސް ގަވާއިދުތަކެއް ކަނޑައެޅޭނެކަމަށް ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ ދަރިވަރުންނަށް ޓިޔުޝަން ދިނުމުގައި ގެންގުޅޭ ސަގާފަތާއިމެދު ހުރިހާ އެންމެންވެސް ވިސްނަން ޖެހޭކަމަށް ވިދާޅުވެފައެވެ. އެއީ މިނިސްޓްރީންވެސް ކަންބޮޑުވާ ކަމެއްކަމަށާއި ބައެއް ހާލަތްތަކުގައި ބެލެނިވެރިން ވަރަށް ބޮޑެތި ހަރަދު އެކަމަށް ކުރައްވާކަމަށް ވިދާޅުވިއެވެ.

"ބައެއް ފަހަރު ޕްރީސްކޫލް ކުދިންވެސް ޓިޔުޝަނަށް އެބަ ފޮނުވާ. ބައެއް ހާލަތްތަކުގައި އެއީ އެންމެ ރަނގަޅު ކަމަކަށްވެސް ނުވެދާނެ"

މިނިސްޓަރ ވަނީ ސްކޫލްތަކުގައި ރިމީޑިއަލް ޕްރޮގްރާމްތައް ކުރިއަށްގެންދާކަން ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުން ޓިޔުޝަނަށް ފޮނުވަނީ ސްކޫލްތަކުގައި ކިޔަވައި ނުދެވޭތީ ނޫންކަމަށާއި ދަރިވަރުން ކިޔެވުމަށް އިތުރަށް މޮޅުކުރުމަށް ބޭނުންވާ ބެލެނިވެރިން ދަރިވަރުން ޓިޔުޝަނަށް ފޮނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *