އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރިގޮތުގައި މި އެހީއަކީ ކޮވިޑް-19 ގެ ވެކްސިން ބެހެއްޓުމަށާއި ތަންތަނަށް ފޮނުވުމަށާއި އިދާރީ ހަރަދުތަކަށް އޭޑީބީން ފޯރުކޮށްދިން އެހީއެކެވެ. އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އޭޑީބީން ބުނީ ކޯވިޑު ވެކްސިން ޖެހުމުގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިދިން އެހީއާއެކު ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާކޮށް، ބޫސްޓަރ ޑޯސް ޖެހުމާއި، ކުޑަކުދިންގެ ގަޔަށް ކޯވިޑު ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި ވެކްސިން ރައްކާކުރުމަށް ކޯލްޑް ސްޓޯރޭޖްތައް ގާއިމްކުރުމާއި، ޑެލިވަރީ އަދި މޮނިޓަރިންގެ މަސައްކަތަށްވެސް އެހީތެރިވެދޭނެ ކަމަށް އޭޑީބީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއެހީގެ ސަބަބުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާވެ، ފަހި ވެގެންދާނެ ކަމަށެވެ.

މި އެހީގެ ދަށުން ހުޅުމާލޭގައި އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓުކުރާ، ސެންޓްރަލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި ވެކްސިނާއި، ސިއްހީ އާލަތްތަކާއި، ލެބޯޓްރީ އާލަތްތައް ރައްކާކުރުމުގެ ޖާގަ ހުންނާނެއެވެ. އަދި ވެކްސިން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތަށް، 7 ލޯންޗާއި، 2 ރެފްރިޖެރޭޓަޑު ލޮރީ، އަދި 2 ވޭން ހޯދުމަށް ވަނީ ހަމަޖެހިފައެވެ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ދައުލަތުން 4.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އޭގެތެރެއިން 943.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ.

މިހާތަނަށް ދިވެހިރާއްޖެއިން ޖުމްލަ 185،042 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އާބާދީގެ 399،114 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 384،982 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

އޭޑީބީން ވަނީ ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *