ހަނިމާދޫ އެއަރޕޯޓުގެ ތަރައްގީއާއިއެކު ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނަތަން ލަސްތަކެއްނުވެ ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު އެ ސަރަޙައްދުގެ ފަތުރުވެރިކަން ފައްކާވެ ފުޅާވުމަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް މިއޮތް ހަތަރު ފަސް އަހަރުގެ ތެރޭގައި، އެންމެ މަދުވެގެން މިތަނަށް އަށްހާސް އެނދު ޑިވެލޮޕް ކުރުމުގެ ޕްލޭނެއް ރާވައިގެން ކުރިއަށް ގެންދިޔުން. އަޅުގަނޑު ހިތުން މި ސަރަޙައްދުގައި ޓޫރިޒަމް ޑިވެލޮޕް ކުރާނޭ އިންވެސްޓަރުން ދެން ހޯދާކަށް ނުޖެހޭނެ."

ރައީސް ވިދާޅުވީ އެންމެބޮޑު މައްސަލައަކަށް ވެފައި އޮތީ އެއަރޕޯޓުގެ ދަތިކަން ކަމަށާ އެއާ އެކުގައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ފަސޭހަގޮތެއް ނެތުން ކަމަށެވެ. އެހެން ނަމަވެސް، މި ގެނެވޭ ތަރައްޤީއާ އެކީގައި، ބަދަލުތަކާ އެކީގައި \މުޅި ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނަތަން ލަސްތަކެއްނުވެ ފެނިގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މާލެއިން ބޭރުގައި ސަރުކާރަކުން ހިންގާ ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ. ހަނިމާދޫ އެއަޕޯޓް މަޝްރޫއު ނިންމާނީ ބައިނަލްއަގްވާމީ ދަތުރުފަތުރުގައި ބޭނުން ކުރާ އެއާބަސް 320 ބޯޓާއި ބޯއިން 737 މަރުކާގެ  ބޯޓުފަހަރަށް އެ އެއާޕޯޓަށް ޖެއްސޭ ފެންވަރަށެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބޭންކާއި ރާއްޖެއާއި ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ފަންޑުކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރީޑިވެލޮޕްވެގެން އައުމުން އިގްތިސާދީ ކުރިއެރުމާއި އުތުރުގެ ޓޫރިޒަމަށް ބޮޑު ބަދަލެއް އަންނާނެއެވެ.

އަދި މީގެ ކުރިން ވެލާނާ އެއާޕޯޓަށް ކުރަމުން އައި ބައިނަލްއަގްވާމީ ބައެއް ދަތުރުތައް ހަނިމާދޫ އެއަޕޯޓަށް ކުރުމަށް މަގުފަހިވެގެންދާނެ އެވެ.

އެގޮތުން މެދު އިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާދަތުރުތައް ކުރުމަށް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓަށް ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *